Last Updated: July 5, 14:12
Sunday, July 5, 2026
ޚަބަރު

އިންޑިއާ އަކީ ރާއްޖޭގެ ސާބިތު ބައިވެރިއެއް: ރައީސް

އަވައްޓެރި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ސާބިތު ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ރައީސް އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.

މިއަދު ހެދުނު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރަށް މަރުހަބާ ވިދާޅުވަމުން ރައީސް ޑރ. މުއިއްޒު ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމުގެ ސަރުކާރަށް، ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ދިގު މުއްދަތެއްގައި ދެމުން އަންނަ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. ހާއްސަ ގޮތެއްގައި، އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހުޅުވުމަށް އިންޑިއާގެ އެހީތެރިކަން ލިބުނުކަން ރައީސް ފާހަގަކުރެއްވި އެވެ.

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އަބަދުވެސް ސާބިތު ބައިވެރިއެއް ކަމަށާއި، އަދި އިންޑިއާގެ އެހީތެރިކަމާއެކު މިހާރު ކުރިއަށްދާ މަޝްރޫޢުތައް މުއްދަތުގެ ތެރޭގައި ނިންމުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ކަމާމެދު ފުރިހަމަ އިތުބާރު އެބައޮތްކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ވަޒީރު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވިގެންދިއުމާއެކު އެކަން ފާހަގަކޮށް ސަރުކާރަށް މަރުޙަބާ ވިދާޅުވެފަ އެވެ. އަދި މި މަޝްރޫޢު ކުރިއަށްދިޔަ ގޮތް އިންޑިއާގެ ބޮޑުވަޒީރު ވަރަށް ގާތުން ބައްލަވައި، ޚާއްސަ ސަމާލުކަމެއް ދެއްވިކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އިންޑިއާގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫޢުތައް، ކޮންޓްރެކްޓްގައިވާ މުއްދަތަށް ނިންމުމުގައި އެ ޤައުމުގެ ސަރުކާރުންދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު ދެއްވި އެވެ.