މިދިޔަ މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރި ބްރީފްކޭހެއް ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ ތިން މީހުންނަކީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27، އާއި ތ. ވިލުފުށި، އެހީވާގޭ، އަހުމަދު މާހިދު. 44، ގެ އިތުރުން އައްޑޫ ހިތަދޫ، ވަށަގުލިމާގޭ އަލީ އަފްޒަލް، 21، އެވެ.
ފުލުހުން ބުނީ މި ތިން މީހުން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޑޮލަރު ފޭރުނު މައްސަލައިގައި ކުރިން ހަތަރު މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ. އެއީ އެއީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ، 25، އާއި މ. ކޯރަސް/މާލެ، އަޙްމަދު ރައިހާން ނަޢީމް، 20، އާއި ކ ގުރައިދޫ އަޅިވިލާގޭ ބްރާހީމް އަނޫފް، 24، ގެ އިތުރުން ހަމަ އެގޭ ޙުސައިން ޝަހުދު، 30، އެވެ.
ޑޮލަރު ހުރި ސޫޓު ކޭސް ފޭރިގަތުމަށް ފަހު ވަގުން ލޯންޗަކަށް އަރައިގެން ފިލައިގެން ދިޔައީ ކ. ހުރައަށެވެ. އަދި ކުރިން ހައްޔަރުކުރި ހަތަރު މީހުން ހައްޔަރުކުރީ ވެސް އެ ރަށުންނެވެ.