މި މަހު އޮލިމްޕަހުގައި އަޅުވަން ތައްޔާރުވަމުން އަންނަ ފިލްމު "ލިލީ" އިން ލަވައެއް ދައްކާލައިފި އެވެ.
އެ ފިލްމުގެ ލީޑް ކާސްޓްގައި ހިމެނޭ އަހުމަދު ޝާރިފާއި އައިޝާ ފެނިގެންދާ ލަވައިގެ ނަމަކީ "ހިތް ކަތިލިޔޭ" އެވެ. މި ލަވަ ކިޔާފައި ވަނީ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި އޭނަގެ އަންހެނުން މަރިޔަމް އަޝްފާ އެވެ.
މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ ދިވެހި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލިލީ" އަލީ އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ކްރައިމް ޑްރާމާއެކެވެ. މިއީ އޭނަގެ ދެވަނަ ފީޗާ ފިލްމެޒެ. އަޒްހާންގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ "މީ އިޝްގް" އެެވެ.
މި މަހުގެ 20 ގައި ކްރިއޭޓިވް ނެޓްވޯކް އިން ގެނެސްދޭ "ލިލީ" ގެ ކާސްޓްގައި މުހައްމަދު އިޝްފާނާއި މަރިޔަމް ޝިމާގެ އިތުރުން ތަޖުރިބާކާރު ތަރިންތަކެއް ކަމަށްވާ އަހުމަދު ނިމާލާއި އަލީ ފާރޫގާއި އޭނަގެ އަންހެނުން މަރިޔަމް ހަލީމް ވެސް ހިމެނެ އެވެ.
"ލިލީ" ގައި ހިމެނޭ ލަވައެއް މިއަދު އާންމުންނަށް ދޫކޮށްލި އިރު، ކުރިން މި ފިލްމުގެ ޕްރޮމޯޝަނަލް ވެސް ލަވައެއް ވެސް އާންމުކޮށްފައިވެ އެެވެ.