Last Updated: July 5, 14:12
Sunday, July 5, 2026
ޚަބަރު

ދިވެހި ހައްޖާޖީންގެ 50 ޕަސެންޓު ސައުދީ އެއާލައިންގައި ގެންދަނީ

ރާއްޖެއިން ހައްޖަށްގެންދާ ދިވެހި ހައްޖާޖީންގެ 50 ޕަސެންޓު ސައުދީ އެއާލައިންގައި ގެންދިޔުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް އެވެ. އަދި ސަޢުދީ އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންގެ ރާއްޖެ، އިންޑިއާ އަދި ސްރީލަންކާއަށް ކަނޑައަޅާފައިވާ އެއާލައިން މެނޭޖަރު އިއްސަމް އަލް ހަބްސީ އެވެ.

އަދި ދިވެހި ޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ދިނުމަށް، ޙައްޖު ކޯޕަރޭޝަނާއި ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ ދެމެދު ވެސް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ސައުދީގެ ޖިއްދާގައި މިހާރު ކުރިއަށްގެންދާ ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025ގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވަނީ ސަޢުދީ އެއާލައިންގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާއި ދެމެދު ދަތުރުތައް އޮތުމަކީ ދިވެހި ރައްޔިތުންނަށާއި، ހާއްސަކޮށް ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާ ކަމެއްކަން ފާހަގަ ކުރައްވާފައިވެ އެވެ.

މީގެ އިތުރުން ކޮންމެ ހައްޖު މޫސުމެއްގައިވެސް ދިވެހި ހައްޖުވެރިން އުފުލުމުގައި ވަރަށް އިސްކަމެއް ދެއްވައިގެން ސަޢުދީ އެއާލައިނުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކުރާކަމަށާައި ދިވެހި ސަރުކާރުން އެކަން ފާހަގަކުރައްވާކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.