Last Updated: July 5, 14:12
Sunday, July 5, 2026
ޚަބަރު

ހިތަދޫ މިސްކިތަކަށް ގެއްލުން ދީފައިވާތީ ފިޔަވަޅު އަޅާނަން

އައްޑޫ ހިތަދޫގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގެއްލުން ދީފައިވަނީ ހިތަދޫ މަސްޖިދުލް ޢުމަރުލް ފާރުޤަށެވެ. އެގޮތުން މިސްކިތުގައި ހުރި ގޮނޑިތަކާއި ފެންފުޅިތައް އުކާލައި، ފަންކާ ހަލާކުކޮށް، ކަރަންޓު ބޯޑަށް ވެސް ގެއްލުންތަކެއް ދީފައިވެ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އިތުރު ތަފްސީލެއް ނުދެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އައްޑޫގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލަ ބަލައި ތަޙްޤީޤުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ހިތަދޫގެ މިސްކިތަކުން ފަންކާތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވެފައިވެ އެވެ. އެގޮތުން ފުލުހުން ކުރި މަސައްކަތުން ވަނީ އެ ފަންކާތައް ހޯދައިފަ އެވެ.