Last Updated: July 5, 14:12
Sunday, July 5, 2026
ޚަބަރު

ފުވައްމުލަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭން ދެ ދުވަސް ނަގާނެ

ފުވައްމުލަކު ސިޓީއަށް ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކާ މަދުވެގެން ދެ ދުވަސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.

ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރު ވުމުން މުޅި ރަށުން ފެން ކަނޑާލައި، ފެނުގެ ނެޓްވޯކް ސާފުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ފެނަކަ އިން ބުނީ ފެނުގެ ނެޓުވޯކު ސާފުކުރުމަށްޓަކައި، ފެނުގެ ނެޓްވޯކަށް ކްލޮރިން އަޅަމުންދާ ކަމަށާއި އެހެންވެ، ފެެން ބޭނުންނުކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފެން ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ. އަދި ފެނުގެ ޚިދުމަތް މެދުކެނޑޭ ވަގުތުތަކުގައި ވޯޓާ ޕިއުރިފަޔާ ނިއްވާލުމަށް ހަނދާންކޮށްދީ، ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.

މިކަމާ ގުޅިގެން ފުވައްމުލަކު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފެނުގެ ނިޒާމަށް ދިމާވަމުންދާ މައްސަލަތައް ދެނެގަތުމަށްޓަކާ ފެނަކަ ފުވައްމުލަކު ބްރާންޗާ އެކު ބޭއްވި ބައްދަލުވުންތަކުން އެ ފަރާތުން ފާހަގަކޮށްފައިވާ މައްސަލަތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް މި މައްސަލަ ހައްލުކުރެވޭތޯ ތަކުރާރުކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މި މަހުގެ 4 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ފެނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭން ރައީސްގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ އިއްޔެ އެ ސިޓީން ފެނުގެ ހިދުމަތް މެދުކެނޑި ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާތީ ފެނަކައާއެކު ކައުންސިލުން ރޭގެ ވަގުތެއްގައި ބޭއްވި ބައްދަލުވުމުގައި ފެނަކައިގެ ބޭފުޅުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކާ މަދުވެގެން ދެ ދުވަސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ރައްޔިތުން ބޯން ބޭނުންވާ ފެން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހޭތޯ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.