Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު ސޯލިހަށް

ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު އައްޑޫ ހުޅުދޫ މުޙައްމަދު ސޯލިހަށް އަރުވައިފި އެވެ.

އޭނަ އަށް އެ ޝަރަފު އެރުވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ސާލިހަކީ ރާއްޖޭގެ ވިޔަފާރި އާއި އިޤްތިޞާދު ކުރިއެރުވުމުގައި ބައި ޤަރުނަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިވާ ބޭފުޅެކެވެ. ސާލިހަކީ ފާއިތުވޮ ބައި ޤަރުނުގެ ތެރޭގައި ރާއްޖެއަށް އެކި ބާވަތުގެ ވިޔަފާރިތައް ތަޢާރަފޔކޮށް، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ވެސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އައްޑޫގައި އިނގިރޭސީންގެ ދުވަސްވަރި ހުރި ރޯޔަލް އެއާފޯސްގައި 1951 ގައި ޚިދުމަތް ފައްޓަވައި 15 ވަރަކަށް އަހަރު އެތަނުުގައ ސޯލިހް ޚިދުމަތް ކުރެއްވި އެވެ. އެންމެ ފުރަތަމަ ކުރެއްވީ ކާގޯ ކްލިއަރެންސްގެ މަސައްކަތާއި ކޮންސްޓްރަކްޝަންގެ މަސައްކަތްތަކެވެ. އަދި އެ މުއްދަތުގައި އެއްކުރި ފައިސާ އަށް އަލްޓާފްގެ ނަމުގައި ފުރަތަމަ ކުންފުނި އުފައްދަވައި ޓޫރިޒަމް ދާއިރާއިން ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ.

އެގޮތުން ރާއްޖޭގެ ތިމާވެށީގެ ދާއިރާ އަށް އިސްކަންދެއްވައި ތިމާވެއްޓާއި ރައްޓެހި ޓޫރިޒަމް ތަޢާރަފް ކުރެއްވުމުގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވި އެވެ. ރީޓެއިލް އާއި ހޯލްސޭލްގެ އެކި ވިޔަފާރިތައް ކުރައްވާފައިވާ އިރު 2000 ވަނަ އަހަރު ދަމާސް އުފައްދަވާ ވިޔަފާރި ފުޅާކުރެއްވި އެވެ.

އަތޮޅުތަކުގައި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ފުރަތަމަ ސަރުކާރުން އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ފުރުއްވީ ވެސް ސޯލިހެވެ.

ޚިދުމަތުގެ ދާއިރާ ފުޅާކުރައްވައި 2012 ގައި މެޑިކާގެ ނަމުގައި ޞިއްޙީ ޚިދުމަތް ވެސް ސޯލިހް ފެއްޓެވި އެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތް ބިނާކުރެއްވުމާއި ސްކޫލްތަކުގައި ނަމާދުގެތައް ޤާއިމްކުރެއްވުމުގެ މަސައްކަތް ވެސް ކޮށްދެއްވި އެވެ.

ވިޔަފާރި އާއި އިޤްތިޞާދު ކުރިއެރުވުމަށް ބައި ޤަރުނުކޮށް ދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް ދައުލަތުން 2022 ވަނަ އަހަރު ސޯލިހަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް އަރުވާފައިވެ އެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފާހަގަކު ކުރަން އެ އަހަރު ބޭއްވި ރަސްމިއްޔާތުގައި "ޕްރެޒިޑެންޓްސް ޓުރިޒަމް ގޯލްޑް އެވޯޑު" ވެސް ސޯލިހަށް އަރުވާފައިވާ އިރު، ސިންގަޕޫރާއި ރާއްޖެ އާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް މިއަހަރު ރައީސް ވަނީ ޚާއްސަ އެވޯޑެއް ވެސް ސޯލިހަށް ދެއްވާފަ އެވެ.