Last Updated: June 7, 22:00
Monday, June 8, 2026
މުނިފޫހިފިލުވުން

ޕްރޭމް ޗޯޕްޅާ އެޑްމިޓްކޮށް ފަރުވާ ދެނީ

ވަރަށް ގިނަ އަދަދެއްގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ހިންދީ ސިނަމާގެ މަޝްހޫރު އެކްޓަރު ޕްރޭމް ޗޯޕްޅާގެ ސިއްހީ ހާލު ދެރެވެގެން އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ 92 އަހަރުގެ އެކްޓަރަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލްގައި ކަމަށެވެ. ޕްރޭމް ޗޯޕްޅާ އެޑްމިޓްކުރީ ވައިރަލް އިންފެކްޝަނާ ގުޅިގެން ކަމަށާއި އޭނަގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް އާއިލާގެ މީހުންނާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

ޕްރޭމް ޗޯޕްޅާ މިހާރު އޮތީ އޮބްޒަވޭޝަންގަ އެވެ.

އޭނަ އަކީ 1960 ގެ އަހަރުތަކުން ފެށިގެން ފިލްމީ މަސައްކަތް ކުރަމުން އަންނަ އެކްޓަރެކެވެ. އޭނަ ކުޅުނު ފިލްމުތަކުގެ އަދަދު 380 އަށް ވުރެ ގިނަ އެވެ. އާންމުންގެ މެދުގައި ޕްރޭމް ޗޯޕްޅާ އެންމެ ބޮޑަށް މަޝްހޫރުވެގެން ގޮސްފައި ވަނީ ފިލްމުތަކުގައި ކުޅުނު ނުބައިބައި ނުވަތަ ވިލަންގެ ރޯލުތަލުންނެވެ.

އޭނަގެ ކެރިއަރުގައި މަގުބޫލު އެތައް ފިލްމެއް ކުޅެފައިވާ އިރު، އެހާރާއި މިހާރުގެ މަޝްހޫރު އެތައް ތަރިންނާ އެކު މަސައްކަތްކޮށްފައިވެ އެވެ.

ޕްރޭމް ޗޯޕްޅާ އެންމެ ފަހުން ފެނިފައި ވަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ގެނައި ސީރީޒް "ޝޯޓައިމް" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ލައިންސް އޮފް ޑެސެންޓް" އެވެ.