Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ސިއްހީ ދާއިރާގެ މަތީ ޝަރަފު މޫސާ އަންވަރަށް

ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އަައްޑޫ މީދޫ މޫސާ އަންވަރު (ތުއްތީދީ) އަށް އަރުވައިފި އެވެ.

އެ ދާއިރާ އަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމާ ގުޅިގެން މަތީ ޝަރަފު އެރުވީ މިއަދުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

މޫސާ އަންވަރަށް އެ ޝަރަފު އަރުވަން މުހައްމަދު މުއިއްޒު ނިންމެވީ ރާއްޖެގެ ސިއްހީ ދާއިރާގެ ކުރިއެރުމަށާއި ސިއްހީ ރޮނގުން މީހުން ބިނާކުރެއްވުމަށާއި ސިއްހީ ދާއިރާގެ އިސް މަގާމުތަކެއްގައި ހުންނަވައިގެން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރެއްވުމަށާއި ސިއްހީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުވުުމަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މޫސާ އަންވަރަކީ އުމުރުން 16 އަހަރުގައި އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެތަނުގައި ހުރި ރޯޔަލް އެއާފޯސްގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި ހިދުމަތް ފެއްޓެވި ބޭފުޅެކެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ މަސައްކަތް މޫސާ އަންވަރު ފެއްޓެވީ 1977 ގައި މާލެ ބަދަލުވުވަޑައިގެން، އެލައިޑް ހެލްތު ސާވިސަސް ޓްރެއިނިން ސެންޓަރުގެ ޕްރެކްޓިކަލް ނާސް ޓީޗަރުގެ ވަޒީފާއިންނެވެ. އެތަނުގެ ޓްރެއިނިން ސެންޓަރުގައި މޫސާ އަންވަރު ހިދުމަތް ކުރެއްވި އިރު، ގިނަ ނަރުހުންނާއި ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި ފެމިލީ ހެލްތު ވޯކަރުންނާއި ފާމަސިސްޓެންޓުން ތަމްރީން ކުރެއްވި އެވެ.

އެލައިޑުގައި ހިދުމަތް ކުރެއްވުމަށް ފަހު ހެލްތު މިނިސްޓްރީ އަށް ބަދަލުވެވަޑައިގެން، މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވައި ރާއްޖޭގައި ރީޖަނަލް ހޮސްޕިޓަލްތައް ބިނާކުރުމަށްޓަކައި އޭރު ސަރުކާރުން ކުރި މަސައްކަތްތަކުގައި މޫސާ އަންވަރު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ.

އަދި މާލޭގެ ސެންޓްރަލް ހޮސްޕިޓަލުގެ މަސައްކަތްތައް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ބަދަލު ކުރުމުގެ މަރުހަލާގައި ސަރުކާރުން އޭރު ކުރި ހުރިހާ މަސައްކަތެއްގައި ވެސް މޫސާ އަންވަރު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ.

މޫސާ އަންވަރު އެންމެ ފަހުން މަސައްކަތް ކުރެއްވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގަ އެވެ.