ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދެވޭނީ ކޮރަޕްޝަން ނައްތާލެވިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގެ ބޭއްވި ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅިވީ މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޒިންމާދާރު އަދި އަދުލުވެރި ވެރިކަމެއް ކުރައްވަން ކަމަށެވެ. އަދި އެކަން ކުރެވޭނީ ކޮރަޕްޝަން ނައްތާލައިގެން ކަމަށް ވިދާޅުވިއެވެ.
"ޖުމްހޫރީ ވެރިކަމެއްގަ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، ރައްޔިތުނަށް މުހިންމުންވާ ކަންކަމަކީ ދެފުށްފެންނަ ގޮތަށް، އިންސާފުވެރިކޮށް، އަދުލުވެރިކޮށް ހިދުމަތް ދިނުން ކަމުގައިވާއިރު މިކަން ކުރުމުގައި އޮތް އެންމެ ބޮޑު ވަބާއިން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދާން ނިންމީ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ކޮރަޕްޝަންގެ އަމަލުތަކާ ދުރަށް ދާން ނިންމި ވަރަކަށް އަޅުގަނޑުމެންނަށް ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދެވޭނީ."
ރައީސް ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ވަބާ ނައްތާލުމަށް ޑިިޖިޓަލައިޒޭޝަނަކީ ވަރަށް މުހިންމު ކަމެކެވެ އެގޮތުން ރައްޔިތުން ހިދުމަތްތައް ހޯދަންދާ އިރު ހިދުމަތް ފޯރުކޮށް ދޭން ތިބޭ ފަރާތްތަކަށް އަމިއްލަ މަންފާއެއް ހޯދޭ ގޮތަށް ހުރުމަކީ ކޮރަޕްޝަނަށް ހިންގުމުމަށް މަގުފަހިވުންކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވު ގޮތުގައި އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ ވެސް އަމިއްލަ މަންފާ ހޯދޭ މަގާމުތަކުގައި ތިބި މީހުންނެވެ.