ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގދ އާއި ގއ. އާއި ފުވައްމުލައް އަދި އައްޑޫ ހިމެނޭ ފުލުހުންގެ ދެކުނު ރީޖަންގައި ކުށްތައް މަދު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ރީޖަންގެ ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝަމީމް ވިދާޅުވެއްޖެ އެވެ.
އޭނަ އެގޮތަށް ވިދާޅުވީ މިއަދު އޮންލައިންކޮށް މީޑިއާތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. އެ ބައްދަލުވުމުގައި އައްޑޫ ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު މަސްޢޫދާއި، ސައުތު ޕޮލިސް ސަބް ރީޖަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރު ޑރ. ފާޠިމަތު ރިޝްވީނާ އަޙްމަދާއި، ފުވައްމުލައް ކޮމާންޑަރު އިންސްޕެކްޓަރު މޫސާ ލަޠީފް ބައިވެރިވެވަޑައިގަތެވެ.
ސައުތު ޕޮލިސް ރީޖަންގައި ކުށް މަދުކުރުމަށް މި އަހަރުގެ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ހިންގާފައިވާ އޮޕަރޭޝަންތަކާއި، ތަހުގީގުކޮށްފައިވާ އަދި މިހާރު ވެސް ތަހުގީގުކުރަމުން އަންނަ ބައެއް މައްސަލަތަކާއި ރައްޔިތުންނާ ގުޅިގެން ރައްޔިތުންނާ ގާތުން ކުރެވިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މީގެ އިތުރުން، 2024-2028 އަށް އެކުލަވައިލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކަނޑައަޅާފައިވާ ލޯކަލް ޕްލޭންގެ ދަށުން މަސައްކަތްކޮށް އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތް ކުރަމުންގެން އަންނަ ޝަމީމް ވިދާޅުވި އެވެ.
އަދި އެ ރީޖަންގައި މި ވަގުތު އެންމެ އިސްކަމެއް ދެނީ ގޭންގު ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމަށާއި މަސްތުވާތަކެއްޗާއި އެހެނިހެން ކުށްތަކުގެ ނުރައްކާ މުޖުތަމައުގައި ކުޑަކުރުމަށް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ ނެޓްވޯކްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ގޭންގު ހަދައިގެން އިންތިޒާމުވެގެން ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުވައްމުލައް ސިޓީގައި މިދިޔަ އަހަރު ފެށި "ވެށި ރައްކަލް" އޮޕަރޭޝަން ސައުތު ޕޮލިސް ރީޖަންގެ ހުރިހާ އަތޮޅެއްގައި ހިންގައި ޕްރޯ އެކްޓިވް އިންވެސްޓިގޭޝަން ތަކެއް ކުރިއަށް ގެންދާ ކަމަށް ޝަމީމު ވިދާޅުވި އެވެ.
އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުން ހޯދައި އެ މީހުންނަށް ބޭނުންވާ ފަރުވާ ދިނުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.