Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މާސްޓަކާޑްގެ އެވޯޑެއް ބީއެމްއެލަަށް

ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް) އިން ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، އެ ބޭންކަށް މާސްޓަކާޑުން އެވޯޑެއް ދީފި އެވެ.

އެ އެވޯޑް ދީފައި ވަނީ ސިންގަޕޫރުގައި ބޭއްވި "ޑިޖިޓަލް ފައިނޭންސް ލީޑަޝިޕް" އިވެންޓުގަ އެވެ. އެ އެވޯޑް ބޭންކުގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާ ހަވާލުކޮށްދެއްވީ މާސްޓަކާޑްގެ ސްރީ ލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރު ސަންދުން ހަޕުގޮޑާ އެވެ.

ގައުމީ ބޭންކާއި ހޯމްލޭންޑް މިނިސްޓްރީން މާސްޓަކާޑާ އެކު "ޑިޖިޓަލް ކަންޓްރީ ޕާޓްނަޝިޕް" އެއްބަސްވުމެއްގއި ސޮއިކޮށްފައި ވަނީ މި އަހަރުގެ އޮގަސްޓް މަހު އެވެ. މިއީ ރާއްޖެއަށް ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި، އީޖާދީ ކަންކަން ކުރިއެރުވުމަށް ބީއެމްއެލުން ވެފައިވާ ވައުދު ފުއްދުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޒަމާނީކުރުމަށާއި ރައްކާތެރި އަދި ހަލުވި ޑިޖިޓަލް ހިދުމަތްތައް ފުޅާކުރަން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ހޯދައި ދޭން، އެ ޕާޓްނަޝިޕްގެ ދަށުން ބީއެމްއެލާއި މާސްޓަކާޑް ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރަކަށް ބީއެމްއެލްވީ 2002 ގަ އެވެ. އޭގެ ފަހުން ރާއްޖޭގެ ފައިސާ މުއާމަލާތްތަކިގެ ނިޒާމަށާއި މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެންނަން އެ ބޭންކުން ވަނީ ގިނަ މަޝްރޫއުތަކެއްގައި މަސައްކަތްކޮށްފަ އެވެ.