ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއްގައި، ޙަޤީޤީ ބާރުގެ މަސްދަރަކީ ރައްޔިތުންނެވެ. އެބައިމީހުން އެމީހުންގެ ވެރިން، ރައީސް ހިމެނޭ ގޮތަށް- އިންތިޚާބު ކުރަނީ އަޣުލަބިއްޔަތު ވޯޓަކުން، ޤާނޫނާ އެއްގޮތަށް ވެރިކަން ކުރުމުގެ މަސްއޫލިއްޔަތު އެފަރާތްތަކާ ޙަވާލުކުރުމަށެވެ.
އެގޮތުން އިންތިޚާބުވުމަށް ފަހު، ޤާނޫނުއަސާސީ އާއި ޤައުމުގެ ޤާނޫނުތަކުން ކަނޑައަޅާފައިވާ އިމުގެ ތެރެއިން ވެރިކަން ހިންގުމަށްޓަކައި، ރައީސަށް އެރުވެނީ ޑޮކިއުމެެންޓެކެވެ. އެއަށް މި ކިޔަނީ ޤާނޫނުއަސާސީ އެވެ. އެއީ އެއްވެސް ޙާލެއްގައި އަމިއްލަ އެދުމާއި ޝައުޤުގެ މަތިން ވެރިކަންކުރުމުގެ ހުއްދައެއް ނޫނެވެ. އެއީ ޢަދުލުވެރިކަމާއި، ހާމަކަމާއި، ޖަވާބުދާރީވުން ދެމެހެއްޓުމަށް ދެވޭ މުޤައްދަސް އަމާނާތެކެވެ. އެގޮތުން އިންތިޚާބުކުރެވޭ ބޭފުޅަކަށް ވެރިކަމަށް ވަޑައިގެންނެވޭނީ އެ ޑޮކިއުމެންޓުގައި ލިޔެވި ބަޔާންކުރެވިފައިވާގޮތަށް ވެރިކަން ކޮށްދެއްވާނެކަމަށް ޤާނޫނުހަދާ މަޖިލިސްގެ ކުރިމަތިގައި މާތް ﷲ ގަންދީ ހުވައިކުރުމަށްފަހުގައެވެ.
ހިތާމަމަ އަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒު މި އުސޫލުތަކަށް އިޙްތިރާމް ކުރެއްވުމުގައި ނާކާމިޔާބުވެފައިވުމެވެ.
އެމަނިކުފާނުގެ ސަރުކާރުން ދައްކަމުން ދަނީ އިސްތިބްދާދީ ސިފަތަކެވެ. އެއީ ބާރުތައް އެމަނިކުފާނުގެ އަތްޕުޅުގައި އެއްކުރެވި، ނިންމުންތައް ނިންމަވަނީ ޖަވާބުދާރީވުމެއް ނުވަތަ ޤާނޫނުގެ ޙުކޫމަތައް އިޙްތިރާމްކުރުމެއް ނެތިއެވެ. މިހާރުގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ކޮންޓްރޯލްކުރައްވަނީ ރައީސް މުޢިއްޒު އެވެ. އަދި އެ މަނިކުފާނު މި އަޣުލަބިއްޔަތު ބޭނުންކުރައްވަނީ ޤައުމަށް ޚިދުމަތްކުރުމުގެ ބަދަލުގައި، އެއީ ސަރުކާރުގެ ތައްގަނޑު ޖަހާ ތަނަކަށް ބަދަލުކުރެއްވުމަށެވެ.
ޤާނޫނުތައް ބަދަލުކުރެވެމުންދަނީ ރައްޔިތުންގެ މަޞްލަޙަތަކަށް ނޫނެވެ. އެމަނިކުފާނުގެ އަމިއްލަ ބޭނުންފުޅުތަކާއި ސިޔާސީ މަންފާތަކަށް ބައްލަވައިގެންނެވެ. ނަތީޖާއަކީ ސަރުކާރު ޖަވާބުދާރީކުރުވަން އޮންނަންޖެހޭ މުއައްސަސާ މިހާރު ބަދަލުވެފައިއެވަނީ ކިޔަމަންތެރިކަމުގެ ލަޝްކަރަކަށެވެ.
އެންމެ ކަންބޮޑުވުން އުފެދޭ ނުކުތާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މިސާލަކީ މާލިއްޔަތު ޤާނޫނަށް ދާދި ފަހުން ގެނެވުނު އިޞްލާޙެވެ. މި އިޞްލާޙު އެހާ އަވަސް މިނެއްގައި ތަޢާރަފުކުރެވުނު ސަބަބު މަދު ދުވަސްތަކެއްގެ ތެރޭގައި މިވަނީ ޢާންމުވެފައެވެ. ޤާނޫނަށް ބަދަލު ގެނައުމަށް ފަހު، ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާގެ ސަރުކާރުގެ ކޮންޓްރެކްޓްތަކެއް ރައީސް ޙަވާލުކުރެއްވީ އެމަނިކުފާނުގެ ސިޔާސީ ބައިވެރިންނާއި އަދި އަމިއްލަ ނެޓްވޯކާ ގުޅުންހުރި ކުންފުނިތަކަށެވެ.
ސާފުކޮށް ފެންނަން އޮތް ގާތް ފަރާތްތަކަށް މަންފާ ހޯދައިދިނުމުގެ މިފަދަ ޢަމަލުތަކުން ރަނގަޅު ވެރިކަމާއި ހާމަކަން ބޮޑު ހިންގުމުގެ އެންމެހައި އުސޫލުތައް މިވަނީ ނިގުޅައިގަނެފައެވެ. ބަޔާންކުރެވުނު ކޮންޓްރެކްޓްތައް ދިރާސާކުރުމުން، މި ޕްރޮޖެކްޓްތަކަކީ މުޅި މުޖުތަމަޢުގެ މަޞްލަޙަތަށް ޚިދުމަތްކުރުމުގެ ބަދަލުގައި، ވަކި ފަރުދުންތަކަކަށް (ރައީސްއަށް ވަފާތެރި ފަރާތްތަކަށް) މާލީ ފައިދާ ހޯދައިދިނުމަށް އަމާޒުކުރެވިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކެއްކަން ދައްކުވައިދޭ ފުުރިހަމަ ހެކިތައް ފެންނަން އެބަހުއްޓެވެ.
ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަމަކީ، މި ޕްރޮޖެކްޓްތައް ޙަވާލުކުރެވިފައިވަނީ ހާމަކަން ބޮޑު، ހަމަހަމަ އަދި ޢަދުލުވެރި ބީލަމުގެ އުޞޫލުތަކާ އެއްގޮތަށް ނޫންކަމީ ކަށަވަރުކުރެވިފައިވާ ޙަޤީޤަތެކެވެ.
ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ޤާނޫނު މެނިޕިއުލޭޓް ކުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ދުނިޔޭގެ ބެސްޓް ޕުރެކްޓިސްއާ ފުށުއަރާ ޢަމަލުތަކެވެ. ވަކި ފަރުދެއްގެ ނުވަތަ ވަކި ސަރުކާރެއްގެ މަޞްލަޙަތަށް ފެތޭގޮތަށް ޤާނޫނު އިޞްލާޙުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ޤާނޫނު ބައްޓަންކުރެވިފައި އޮންނަންވާނީ ރައްޔިތުން މިފަދަ ނުރަނގަޅު ބޭނުންކުރުންތަކުން ޙިމާޔަތްކޮށްދޭ ގޮތަށް، އެއްވެސް ފަރާތަކަށް ފޯރުންތެރިކަން ނުފޯރުވޭނެ މިންގަނޑަކަށް، ހުރިހާ ރައްޔިތުންގެ މައްޗަށް ހަމަހަމައަށް ތަންފީޛުކުރެވޭ ގޮތަށެވެ.
ރައީސްގެ ވާޖިބަކީ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ޤާނޫނުއަސާސީއަށް އިޙްތިރާމްކޮށް، ޢާންމު ވަސީލަތްތައް ޒިންމާދާރުކަމާއެކު ބެލެހެއްޓެވުމެވެ. ބާރުގައި ތިބޭ މީހުން ޤައުމުގެ މުއްސަނދިކަން އެމީހުންގެ އަމިއްލަ މުދަލެއްގެ ގޮތުގައި ދެކެން ފަށައިފިނަމަ، ޑިމޮކްރަސީ ބަދަލުވެގެންދަނީ ކޮރަޕްޝަނާއި އަމިއްލަ މަޞްލަޙަތުގެ މައްޗަށެވެ.
މި ޤައުމުގެ ރައްޔިތުންނަށް ޙައްޤުވަނީ ތެދުވެރިކަމާއެކު ވެރިކަން ކުރައްވާ ޤައުމީ ލީޑަރެކެވެ. އަމިއްލަ މަޞްލަޙަތަށްޓަކައި ޤަވާޢިދުތަކާއި ޤާނޫނުތައް އަލުން ފަރުމާކުރައްވާ ވެރިއެއް ނޫނެވެ. ޙަޤީޤީ ލީޑަރޝިޕްގެ ޖައުހަރަކީ ޤާނޫނުގެ ޙުކޫމަތައް އިޙްތިރާމްކުރުމާއި، ޢަދުލުވެރިކަން ދެމެހެއްޓުމާއި، މުޅި ޤައުމުގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް ޚިދުމަތްކުރުމެވެ. ބާރާއި އިޚްތިޔާރު ލިބިފައިވާ ފަރާތްތަކުން މި އަސާސީ ޙަޤީޤަތް ދާއިމަށް ހަނދުމަފުޅު ބަހައްޓަވަންޖެހެއެވެ.
ޑިމޮކްރަސީ އަކީ ނަހަމަ ގޮތުގައި ބޭނުން ކުރެވޭ އިމްތިޔާޒެއް ނޫނެވެ. އެއީ ޤައުމުގެ ދެމިއޮތުމާއި ކުރިއެރުމަށްޓަކައި އަމާނާތްތެރިކަމާއެކު އަދާކުރަން ޖެހޭ މުޤައްދަސް މަސްއޫލިއްޔަތެކެވެ.
ނޯޓް: މިއީ އަބްދުﷲ ރަޝީދު (މޫނިމާ) ގެ ލިޔުމެކެވެ.