Last Updated: July 5, 18:12
Sunday, July 5, 2026
ޚަބަރު

ހަ ގަޑިއިރު ތެރޭގައި ފުވައްމުލަކުގެ ފެނުގެ މައްސަލަ ހައްލުވާނެ

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ހަ ވަރަކަށް ގަޑިއިރުގެ ތެރޭގައި ފުވައްމުލަކު ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރު ވުމުން މުޅި ރަށުން ފެން ކަނޑާލައި، ފެނުގެ ނެޓްވޯކް ސާފުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ހީނާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުވައްމުލަކުގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިން ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާންގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ.

"ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ފުވައްމުލަކުގެ ވޯޓާ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި މައްސަލަ ކުރިމަތިވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ވަނީ ފަށާފައި. މިހާތަނަށް ފަސް ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1،300 ކޭސް ފެނާއި، 500 މިލިލީޓަރުގެ 1،000 ކޭސް ފެން ވައިގެ މަގުން ވަނީ ފުވައްމުލައް ސިޓީއަށް ގެންދެވިފައި،" ހީނާ ވިދާޅުވި އެވެ.

މިހާތަނަށް 1200 ކޭސް ފެން ފުވައްމުލަކު ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އިތުރު ބޯފެން ފުވައްމުލަކަށް މިހާރު ގެންދަމުންދާކަމަށް ހީނާ ވިދާޅުވި އެވެ.