Last Updated: July 5, 18:12
Sunday, July 5, 2026
ޚަބަރު

ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމައަކު ހައްޔަރުކޮށްފި

ޖިންސީ އަނިޔާ އާއި ދެކޮޅަށް މާލޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން - ފޮޓޯ: ވަން

ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މަންމައަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެއީ މާލޭ ސަރަހައްދުގައި ހިނގައިގެން އުޅޭ ހާދިސާއެެއް ކަމަށާއި އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

"ކުޑަ ފިރިހެން ކުއްޖަކަށް، އެ ކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން، މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް 2025 އޮކްޓޫބަރު 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްއިން ފުލުހުންނަށް ހުށަހަޅާފައިވޭ" ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ 50 އަހަރުގެ މަންމަ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.