Last Updated: July 5, 18:12
Sunday, July 5, 2026
ޚަބަރު

17 ކިލޯގެ ޑްރަގްސް ހޯދައި މީހަކު ހައްޔަރުކޮށްފި

އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި ތަކެތި ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓަކަށް ފުލުހުން ރެސްޕޮންޑްކުރުމަށްފަހު އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު ކަމަށެވެ.

އެޕާޓްމަންޓް ބަލާފާސްކުރި އިރު، ފުލުހުންނަށް ވަގުތީ ބަރުދަނުގައި 17.39 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުޙައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.