Last Updated: June 7, 22:00
Monday, June 8, 2026
ދުނިޔެ

ޕާކިސްތާނުގައި ޖާނުންފިދާވެގެން ހަމަލާއެއް، 12 މަރު

ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދުގެ ކޯޓެއްގެ ކައިރީގައި ޖާނުންފިދާވެގެން ދިން ހަމަލާއެއްގައި 12 މީހަކު މަރުވެ، 30 އެއްހާ މީހުން ޒަހަމްވެއްޖެ އެވެ.

އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީ ވިދާޅުވީ ބޮން ގޮއްވައިގެން ހަމަލާ ދިން މީހާ މަސައްކަތްކުރީ ޑިސްޓްރިކްޓް ކޯޓްގެ ތެރެެއަށް ވަދެ، ހަމަލާދޭން ކަމަށެވެ. ނަމަވެސް އޭނަ އަށް އެ ފުރުސަތު ނުލިބި، ކޯޓްގެ ބޭރުގައި ހާދިސާ ހިނގީ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޯޓަށް ވަނުމަށްޓަކައި 15 ވަރަކަށް މިނިޓް ވަންދެން އެ މީހާ ކޯޓްގެ ބޭރުގައި ހަރަކާތްތެރި ކަމަށާއި އޭގެ ފަހުން ބޮން ގޮއްވައިލީ ފުލުހުންގެ ވެހިކަލެއްގެ ކައިރީގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ފުލުހުން އަންނަނީ ޖާނުންފިދާވުމުގެ ހަމަލާދިނީ ކާކުތޯ ދެނެގެތުމުގެ މަސައްކަތް ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން ކަމަށާއި މިކަމުގެ ފަހަތުގައި ތިބި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ވެސް ގެންނާނެ ކަމަށެވެ.

މި ހާދިސާގައި ޒަހަމްވި 27 މީހަކަށް ފަރުވާ ދެމުން އަންނަ އިރު، މި ހަމަލާ ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.

އިސްލާމްއާބާދުގައި އެންމެ ފަހުން ޖާނުންފިދާވުމުގެ ހަމަލާއެެއް ދީފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. އެ ހާދިސާގައި ފުލުހަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވި އެވެ.