Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެމެރިކާ އިން ސިފައިންނަށް ސާމާނުތަކެއް ހަދިޔާކޮށްފި

އެމެރިކާ އިން އެމްއެންޑީއެފަށް ރިބާއި، ރިބް ޝެލްޓަރާއި ރޭމްޕު ހަދިޔާކޮށްފި އެވެ.

އެކަމަށްޓަކައި އިއްޔެ ކަލާސީނުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ތަކެތި އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޫ-ހޯ ޔޮންއެވެ. ތަކެއްޗާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.

އެ ރަސްމިއްޔާތުގައި، ހިލްމީ ވަނީ އެމެރިކާއިން ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް ދިވެހި ސިފައިންގެ ކެޕޭސިޓީ ބިލްޑްކޮށް، ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި، އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެމެރިކާ އިން ހަދިޔާކުރި ތަކެއްޗަކީ އެމެރިކާގެ ފޮރިން މިލިޓަރީ ފަންޑް (އެފްއެމްއެފް) އާއި ބިލްޑިން ޕާޓްނަޝިޕް ކެޕޭސިޓީ (ބީޕީސީ) ޕްރޮގްރާމްގެ ދަށުން އެމެރިކާއިން ދޭ ގްރާންޓް އެހީއެކެވެ.

އިއްޔެ ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ، ހަތަރު ރިބާއި، ރިބް ޝެލްޓަރެއްގެ އިތުރުން ދެ ރޭމްޕެވެ.