Last Updated: June 27, 20:02
Saturday, June 27, 2026
ރިޕޯޓް

ފޯންކޮށްގެން ފޭރޭ މީހުންނަށް އޮތީ ފުރުސަތު ހުޅުވިފައި!

ތަފާތު ޕްރޮމޯޝަންގެ ނަމުގައި މީސް މީހުންނަށް ގުޅައި ރީލޯޑް ކުރުވުމާއި، ބޭންކް ކާޑް މައުލޫމާތު ހޯދައި ފޭރުން އިންތިހާއަށް މިވަނީ އިތުރުވެފައެވެ.

ފުލުހުން އިއްޔެ އާއްމުކޮށްފައިވާ ގޮތުގައި ފާއިތުވި ދެ މަހުގެ ތެރޭ 6 ލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަނީ ފޭރިގެންފައެވެ. މި ފަދަ 65 މައްސަލައެއް ފާއިތުވި ދެ މަހުގެ ތެރޭގައި ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ.

ފޯންކޮށްގެން އާސަންދަ އަދި ކޮކާކޯލާ، ޝީޝާ ނަމުގައި ޕްރޮމޯޝަން ހިންގާ ނަންބަރުތައް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ހިއްސާ ކުރަމުންނެވެ. އެފަދަ ނަންބަރުތައް އަދިވެސް ބްލޮކް ކޮށްފައި ނުވާ އިރު ދުވާލަކު އެތައް ބަޔަކަށް އެނަންބަރުތަކުން ދަނީ ގުޅަމުންނެވެ.

ބޭންކް އޮޕް މޯލްޑިވްސް ކޯލް ސެންޓަރު ގެ ނަމުގައި ގުޅާ އަދަދުވެސް މިވަނީ އިންތިހާއަށް ގިނަވެފައެވެ.

ބޭންކްގެ ޕަބްލިކް ރިލޭޝަން އޮފިސަރ މުހައްމަދު ސައީދު ވިދާޅުވީ، ބޭންކުން ކާޑް ނަންބަރު ހޯދަން އެއްވެސް ކަސްޓަމަރަކަށް ބޭންކުން ނުގުޅާނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ކަސްޓަމަރަކަށް އެއްވެސް ހާލެއްގައި ކާޑް ނަންބަރު ހޯދާކަށް ނުގުޅާނަން. ކާޑް ނަންބަރު ރިޕީޓް ނުވާނެ. އެހެންވީމާ ކާޑް ނަންބަރު ރިޕީޓްވެގެން ކަމަށް ބުނެ އެ ގުޅަނީ ބޭންކަކުން ނޫން. އެފަދަ ފަރާތްތަކަށް ފުރިހަމައަށް ސަމާލްވެ ލައްވާ"

ސައީދް ވިދާޅުވީ ބޭންކްގެ ކާޑް ނަންބަރާއި ޕިން ނަންބަރު ދެވަނަ ފަރާތަކަށް ހިއްސާ ނުކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.

ބޭންކް ކާޑް ނަންބަރަށް ސަމާލްވުމަށް އެދިފައިވާ އިރު އަދިވެސް ގިނަ ދިވެހިން އެކަމަށް ސަމާލްކަންދޭ ތަން ނުފެނެއެވެ. ކާޑް ޕިން ނަންބަރު ގިނަ ފަހަރު ކޮފީއެއްގައި ހުރެގެން ވޭޓަރާއި ހިއްސާ ކުރަނީ މަދުންނެއް ނޫނެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ލަނޑު ލިބިފައިވެއެވެ.

ފޯންކޮށްގެން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފޭރެމުންދާ މައްސަލައަށް ސީރިއަސްކޮށް މަސައްކަތް ކުރަންވެއްޖެއެވެ. ދިރާގާއި އުރީދޫން މިފަދަ ކަންކަމަށް އިސްކަންދޭން ވެއްޖެއެވެ. މިފަދަ ނަންބަރުތަކުން ގުޅައި ފޭރެން މަސައްކަތް ކުރާ ފަރާތްތަކުގެ ނަންބަރު ޕޮލިހަށް ރިޕޯޓްކުރަން އެބަޖެހެއެވެ.

އަދި އެފަދަ ރިޕޯޓްތަކަށް ފުލުހުން އަވަސް އެކްޝަން ނަގަންޖެހެވެ. ފޯން ކުރާ ފަރާތްތަށް ނުހޯދޭނެ އެއްވެސް ގޮތެއް މި ނިޒާމް އޮތް ގޮތުން އޮތްކަމަށް ނުފެނެވެ. ދިރާގް އަދި އުރީދޫއަށް ރީލޯޑް ކުރާ ނަންބަރުގެ ތަފްސީލް ބެލޭނެއެވެ. އެފަދަ ނަންބަރުތަކުގައި ގިނަ އަދަދަށް ފައިސާ ޖަމާކުރެވިފައިވާ ނަމަ އެކަމަށް ސީރިއަސް އެކްޝަން ނަގަން ޖެހެއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޒިއްމާވެސް މިކަމުގައި ވަރަށް ބޮޑެވެ. ރޯމާ ދުވާލު އެތައް ބައެއް ފޭރެމުންދާ އިރު އެކަމަށް އަދި ބަހެއް ވިދާޅެއް ނުވެއެވެ. ނަަމަވެސް މި ނޫން ކަންކަމުގައި އެފަދަ އިދާރާތަކުން އަވަސް ބަސް ބުނަމުންދާތަން ފެނެއެވެ.

ފޭރޭ މީހުން ފޭރެމުންދަނީ އެކަމަށް އެތައް ފަހި ފުރުސަތުތަކެއް ހުޅުވިފައި އޮތުމުންނެވެ. ހުރިހާ އެންމެންވެގެން މިކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރަން ވެއްޖެއެވެ.