Last Updated: July 12, 17:55
Sunday, July 12, 2026
ޚަބަރު

އައްޑޫ މަސްވެރިކަމުގެ ހަބް އަވަސްކުރަން މަޝްވަރާކޮށްފި

އައްޑޫގައި ގާއިމުކުރާ މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް، ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)ގެ ރައީސް ފަންގް ޔަންޝުއީއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، ސަރުކާރާއި ސީއެމްއީސީ ގްރޫޕާއި ދެމެދު އައްޑޫގައި މަސްވެރިކަމުގެ ބަނދަރެއް ތަރައްޤީކުރުމަށް ސޮއިކުރެވިފައިވާ ފަހުމުނާމާއާ ގުޅޭގޮތުން ވަރަށް ތަފްސީލީ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން މި މަޝްރޫޢު ތަންފީޒުކުރުން އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، މަޝްރޫޢުގެ މަސައްކަތް ވަގުތަށް ނިންމޭނެކަން ކަށަވަރުކުރުމާ ބެހޭގޮތުން ހިޔާލު ބަދަލުކުރެވުނު ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ސީއެމްއީސީ ގްރޫޕްގެ ރައީސް ފަންގް ޔަންޝުއީ ވަނީ މި މަޝްރޫޢަށް މިނިސްޓްރީއިން ދެއްވާ ގާތް އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އައްޑޫގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީއާއި މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމުގައި މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވައި، މި މަޝްރޫޢަށް ސީއެމްއީސީގެ ފުރިހަމަ އިލްތިޒާމް ކަށަވަރުކޮށްދެއްވާފައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫޢަކީ އައްޑޫ ސިޓީގެ މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ، އަދި ސިޓީގެ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ފައިދާހުރި ވަޒީފާގެ ފުރުޞަތުތައް ގިނަކުރާނެ މަޝްރޫއެކެވެ.