Last Updated: July 5, 20:11
Sunday, July 5, 2026
ޚަބަރު

ބީއެމްއެލްގެ ޓްރާންސެކްޝަންތަކަށް ވަޓްސްއެޕް އޯޓީޕީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް އިތުރުކޮށްފިއެވެ.

މިއާއެކު ކަސްޓަމަރުން ބޭންކުގައި ރަޖިސްޓަރކޮށްފައިވާ ނަމްބަރަށް ވަޓްސްއެޕް މެދުވެރިކޮށް ފަސޭހަމަކާއެކު އޯޓީޕީ ލިބޭނެއެވެ.

​​​ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް، އީމެއިލް އަދި އޮތެންޓިކޭޓާގެ އިތުރުން ވަޓްސްއެޕް ހިމެނުމާއެކު ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަ ވެގެންދާނެއެވެ.

​​​މި ޚިދުމަތް ތަޢާރަފްކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ޑިޖިޓަލް ބޭންކިންގގެ ބޭނުންތައްދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ރައްކާތެރިކަމާއެކު ފައިސާދެއްކޭނެ މަގުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

"އޯޓީޕީ ލިބޭ ވަސީލަތެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުން ކުރެވޭނެ ގޮތްހެދުމަކީ، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭންކިންގެ ޚިދުމަތްތައްރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމެއް."

​​​ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަނޭޓް ބޭންކިން ނުވަތަ ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބެން އިހުތިޔާރު ކުރާ ގޮތް ބަދަލުކުރެވޭނެއެވެ. އޯޓީޕީ ޗެނަލް ވަޓްސްއެޕްއަށް ބަދަލުކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލްއެއް ބޭނުންކުރަން ޖެހޭނެއެވެ.