Last Updated: July 5, 20:11
Sunday, July 5, 2026
ޚަބަރު

ކޮރެއާ މާކެޓުގައި ޓޫރިޒަމް ކުރިއަރުވަން މަޝްވަރާކޮށްފި

ރާއްޖޭގެ ފަތުރުވެރިކަން ދެކުނު ކޮރެއާގެ މާކެޓުގައި ކުރިއަރުވަން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ މިނިސްޓަރު، ޠާރީޤު އިބްރާހިމް، ކޮރެއާގެ ކަލްޗާ، ސްޕޯޓްސް އެންޑް ޓޫރިޒަމްގެ ނައިބު މިނިސްޓަރު، ދޭހިޔުން ކިމްއާއާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެގައުމު ދެމެދު ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި މި މަޝްވަރާތަކުގައި ބާރުއަޅާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ކޮރެއާ މާކެޓުގައި އިތުރަށް ކުރިއެރުވުމާއި، މާކެޓިންގެ ދާއިރާއިން ދެގައުމު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކަމަށް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން ދެގައުމު ގުޅުވައިދޭ ކަނެކްޓިވިޓީ (ދަތުރުފަތުރުގެ ގުޅުން) ވަރުގަދަކުރުމަށްވެސް ހިޔާލު ބަދަލުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު ކުރިއެރުންތަކެއް ލިބި، ދިވެހި އިޤްތިޞާދަށް ފައިދާ ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.