Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ޑިޕްރެޝަނާއި އޭގެ ވޭނުގެ ވާހަކަ!

ޑިޕްރެޝަނަކީ އަޅާވޭނުން ކެތް ނުވެގެން ދަންވަރު އެކަނި މަގުމަތީ ހިނގާލަން ދާން މަޖުބޫރު ކުރުވާ ބައްޔެވެ.
ޑިޕްރެޝަނަކީ އެންމެ ލޯބިކުރަމުންއައި ކަންކަންމަތިން ފޫހިކުރުވާ ބައްޔެވެ.
ޑިޕްރެޝަނަކީ ވަށައިގެން މީހުން ތިއްބަސް އެކަނިވެރިކަން އައިސް ވަށައިލާ ބައްޔެވެ.
ޑިޕްރެޝަނަކީ ރޮވޭ ސަބަބެއްވާ އުނދަގުލެއް ބުނެދޭން ނޭނގޭ ބައްޔެވެެ.
ޑިޕްރެޝަނަކީ މީހުންނާ އެކަހެރިވެ އުޅުމަށް ލޯބިކުރެވޭ އެހެނަސް އެކަނިވުން ވޭނަކަށްވާ ބައްޔެވެ.
ޑިޕްރެޝަނަކީ ވާގޮތެއް އަދި ވީގޮތެއް ނޭނގި ރޭގަނޑު ހަތަރުދަމު ނުނިދި އޮންނަން ޖެހޭ ބައްޔެވެ.
ޑިޕްރެޝަނަކީ އެންމެ ގާތްމީހުންގެ ފަރާތުން އެންމެ ވޭނީ ހިތްދަތިކަން ލިބިދޭ ބައްޔެވެ.
ޑިޕްރެޝަނަކީ މުޅި ހަޔާތް އެބަޔަކަށްޓަކައި ގުރުބާން ކުރަމުންދާ،ހިތުގެ ވިންދުކަމުގައިވާ، ދަރިންދެކެވެސް ފޫހިވެ އުނދަގުލެއްކަމުގައި އިހްސާސް ކުރުވާ ނުރައްކާތެރި ބައްޔެވެ.
ޑިޕްރެޝަނަކީ ޕެނިކް އެޓޭކް އަންނަ ކޮންމެ ފަހަރަކު މީ މި ދުނިޔެއަށް ލެވޭ އެންމެ ފަހު ނޭވާއޭ ހީވާ ބައްޔެވެ.
ޑިޕްރެޝަނަކީ ކުދިކުދި ކަންކަމުން އިންތިހާއަށް އުނދަގޫވެ ނުތަނަވަސްކަން ތަހައްމަލް ކުރަން ޖެހިދާ ބައްޔެވެ.
ޑިޕްރެޝަނަކީ އީމާންކަން ބަލިކަށީ ކަމަށްބުނެ ހިތް ރޮއްވާލާ އެތައް ވިހަ ބަސްތަކެއް އެންމެ ގާތުގައި އޯގާތެރިވާން ތިބި މީހުންގެ ފަރާތުން އަހަން ޖެހޭ ބައްޔެވެ.
ޑިޕްރެޝަނަކީ ޖަޖް ކުރުމަކާ ނުލައި އަޑު އަހާލާނެ، އޯގާތެރިވެދީ ފިރުމާލާނެ މީހަކަށް އިންތިހާ އަށް ބޭނުންވެ އޮންނަ ހާލު އެންމެން ތިމާ އެ ވޭނުގައި އެކަނި ދޫކޮށްލާ ބައްޔެވެ.
ޑިޕްރެޝަނަކީ ތެދުވެ އުޅެވޭނެ ވަރުނެތި ތަންމަތި ވުމުން ކަންނެތްކަމުގެ ނަން ލިބި ކުށްވެރި ވެދާ ބައްޔެވެ.
ލޯބިވާ މީހަކު ވޭނެއްގައި އުޅޭތަން ފެންނަ ނަމަ ވަގުތުދީ އަޑުއަހާލަ ދޭށެވެ. ޖަޖްނުކޮށް އޯގާތެރި ވެ ދޭށެވެ. ހިތްވަރުދީ ގާތުގައި ހުރެދޭށެވެ.
ވަގުތު ފާއިތުވުމުން ރުއިމުގެ ބޭނުމެއް ނެތެވެ.

ނޯޓް: މިއީ އާމިނަތު ޝާދިޔާގެ ލިޔުމެކެވެ.