Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ސިދާންތަށް އަލަށް ބައޯޕިކެއް

ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ އަށް ބައޮގްރަފިކަލް ޑްރާމާއަކުން ފުރުސަތު ލިބިއްޖެ އެވެ.

މީޑިއާތަކުން ބުނީ ކުރިއަރަމުން އަންނަ އެކްޓަރަށް ލިބުނު ބައޮޕިކަކީ ހިންދީ ފިލްމުތަކުގެ އިތުރުން މަރާޓީ ސިނަމާގެ ކުރީގެ ވަރުގަދަ ޝަހުސިއްތެއް ކަމަށްވާ ވީ ޝަންތަރަމްގެ ވާހަކަ ކިޔައިދޭން ހަމަޖެހިފައިވާ ފިލްމު ކަމަށެވެ.

އުމުރުން 88 އަހަރުގައި 1990 ގައި މަރުވެފައިވާ ޝަންތަރަމަކީ ޑައިރެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް އަދި ސްކްރީން ރައިޓަރެކެވެ. އޭނަ ގެނެސްދިން ހިންދީ ފިލްމުތަކުގެ ތެރޭގައި 1955 ގެ "ޖަނަކް ޖަނަކް ޕާޔަލް ބަޖޭ" އާއި 1957 ގެ "ދޯ އާނކޭ ބާރާ ހާތު" އަދި 1959 ގެ "ނަވްރަންގް" ހިމެނެ އެވެެ.

މީޑިއާތަކުން ބުނީ ޝަންތަރަމްގެ ބައޮޕިކް ހަދަން ނިންމާފައި ވަނީ "ޗިތުރަޕަތީ ވީ ޝަންތަރަމް" ގެ ނަމުގައި ކަމަށެވެ. މީގެ ކާސްޓްގައި ފަރުދީން ޚާން ވެސް ހިމެނޭނެ އެވެ.

ނަމަވެސް މިއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ބައޮޕިކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ސިދާންތަށް ލިބުނު އިރު، 32 އަހަރު އެކްޓަރު ބޮލީވުޑަށް ނުކުތީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ 2019 ގެ "ގަލީ ބޯއި" އިންނެވެ. އޭގެ ފަހުން ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުގެ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ ސިދާންތުގެ އެންމެ ފަހުގެ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރުގެ އޮގަސްޓްގައި ގެނެސްދިން "ދަޅަކް 2" އެވެ.

އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު ވިކާސް ބާލްގެ "ދިލް ކާ ދަރުވާޒާ ކޯލް ނާ، ޑާލިން" އެވެ.