Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދިވެހި ބަހުގެ ފުރަތަމަ ޑޮކްޓަރާ ރައީސް ބައްދަލުކޮށްފި

ޤައުމީ ޔުނިވަސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހި ބަހުގެ އެންމެ ފުރަތަމަ ޑޮކްޓަ އޮފް ފިލޯސޮފީގެ ސަނަދު، ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދެވި ޑރ. ޢާމިނަތު ޒާހިރުއާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލު ކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

އޭނައާ ރައީސް ބައްދަލު ކުރެއްވީ އަންގާރަ ދުވަހު އެވެ.

އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިބަހުގެ އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލު ކުރެއްވުމާ ގުޅިގެން އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އާމިނަތު ޒާހިރަށް ތަހުނިޔާ އަދާކުރެއްވިއެވެ. އަދި މިއީ، ދިވެހިބަސް ކުރިއެރުވުމަށް ކޮށްދެއްވި ވަރަށް މުހިއްމު ޚިދުމަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވާހަކައިގައި ދިވެހިބަސް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން، އެގޮތުން އިސްކަން ދެއްވަމުން ގެންދަވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ބައްދަލުވުމުގައި ޑރ. އާމިނަތު ޒާހިރު ދެއްކެވި ވާހަކައިގައި، އޭނައާ ރައީސް ބައްދަކޮށްލެއްވިކަމަށްޓަކައި ވަރަށް ބޮޑަށް އު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސައަށް ޝުކުރު ދެންނެވި އެވެ. އަދި މި ފުރުޞަތު ދެއްވިކަން އެއީ، ދިވެހި ބަހަށާއި ދިވެހި ބަސް ކުރިއެރުވުމަށް ރައީސް ދެއްވާ ސަމާލުކަމުގެ ވަރަށް ބޮޑު ދަލީލެއް ކަމަށް ވިދާޅުވި އެވެ.

ބައްދަލުވުމުގައި ޑރ. އާމިނަތު ޒާހިރުގެ ތީސީސްގެ ކޮޕީއެއް ރައީސަޑް ވެދުމަށް އަރުވާފައިވެ އެވެ.

ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަ އޮފް ފިލޯސޮފީގެ ސަނަދު ދިވެހި ބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދަވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އާމިނަތު ޒާހިރަށް ރައީސް ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިއްޔެ ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ހަނދާނީ ފިލައެއް ވެސް އަރުވައިފަ އެވެ.