ޔޫއޭއީގެ މަޝްހޫރު ޓޫރިޒަމް ބްރޭންޑް، އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.
މާލެ އަތޮޅި ވާރެއްދޫ ފަރުގައި ތަރައްގީ ކުރަން ނިންމާފައިވާ މި ރިސޯޓްގެ އެއްބަސްވުމުގައި ގަތަރުގެ އެސެޓްސް ގްރޫޕާއި ކާޒްނާ އިންޓަނޭޝަނަލްއާ ދެމެދު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.
ދެހާސް ނަވާވީހުގައި ހުޅުވަން ނިންމާފައިވާ ރިސޯޓް ހިންގާނީ 'އެޓްލާންޓިސް ދަ ރޯޔަލް، މޯލްޑިވްސް' ގެ ނަމުގަ އެވެ. މި ރިސޯޓް ތަރައްގީކުރާ ރަށަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ން ފުރައިގެން ސީޕްލޭންގައި 10 ވަރަކަށް މިނެޓުން އަދި ލޯންޗުގައި 25 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށެކެވެ
'އެޓްލާންޓިސް ދަ ރޯޔަލް، މޯލްޑިވްސް' އަކީ ޖުމްލަ 493 އެނދުގެ ރިސޯޓެކެވެ. އެގޮތުން 270 ހޮޓާ ރޫމާއި 223 ވިލާ އާއި މޭންޝަން ހުންނާނެ އެވެ. އަދި ކެއިންބުއިމަށް ހާއްސަ 20 ތަނެއް އެކުލެވޭނެ އެވެ. ރިސޯޓްގައި ބީޗު ކްލަބާއި އަކުއާވެންޗާއެއް އަދި އިންޑޯ/އައުޓް ޑޯ ފިޓްނަސް ސެންޓަރާއި އޯވާ ވޯޓާ ޔޯގާ ޕްލެޓްފޯމާއި ސްޕާ އާއި ބިއުޓީ ސެލޫން ވަސީލަތްތައް ވެސް އެންމެ މަތީ ފަންތީގައި ލިބޭނެ ވަސީލަތްތައް ހުންނާނެ އެވެ.
ރާއްޖޭގައި ހިންގަމިން އަންނަ ވޮލްޑޯފް އެސްޓޯރިއާ ރިސޯޓަކީ އެސެޓް ގްރޫޕްގެ ތަނެކެވެ. އަދި ރޯސްވުޑް ރަންފަރުގެ ނަމުގައި ކ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ވަންއެންޑްއޮންލީ ރީތި ރަށަކީ ކާޒްނާ އިންޓަނޭޝަނަލްގެ ވަންއެންޑްއޮންލީ ބްރޭންޑުގެ ދަށުން ހިންގާ ރިސޯޓެކެވެ.