Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

'ލާހޯރް، 1947' ގެ ނަން ބަދަލު ކުރަން ދެކޮޅު

އާމިރާއި ސަނީއާ އެކު ސަންތޯޝީ.

އާމިރު ޚާން ޕްރޮޑިއުސްކޮށް، ސަނީ ޑިއޯލް ކުޅެފައިވާ ޕީރިއަޑް ޑްރާމާ "ލާހޯރް، 1947" ގެ ނަން ބަދަލު ކުރަން އުޅޭތީ އެކަމާ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ހިތްހަމަނުޖެހުން ފާޅޫކޮށްފި އެވެ.

ރިލިޒް ކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ އެ ފިލްމުގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ނިންމާފައިވާ އިރު، ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ސަންޠޯޝީ ބުނީ ފިލްމުގެ ނަން ބަދަލު ކުރުމާ އޭނަ ވަރަށް ދެކޮޅު ކަަމަށެވެ.

"އެކަމަކު އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު ޕްރޮޑިއުސަރަށް އޮންނާނެ،" ސަނީއާ އެކު ވަރަށް ކާމިޔާބު ތިން ފިލްމު ކަމަށްވާ "ގަތަކް" އާއި "ގާޔަލް" އަދި "ދާމިނީ" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ. "އެހެން ވިޔަސް ފިލްމުގެ ނަން ބަދަލު ކުރާކަށް އަހަރެން ހަމަ އެއްގޮތަކަށް ވެސް ތާއީދެއް ނޫން."

ސަންތޯޝީ ބުނީ "ލާހޯރް، 1947" އަކީ އޭނަގް ޑްރީމް ޕްރޮޖެކްޓެއް ކަމަށާއި މި ފިލްމެި ހެދުނީ އޭނަ އެކަމަށް މަސައްކަތް ކުރާތާ 20 އަހަރު ފަހުން ކަމަށެވެ. އެހެންވެ ފިލްމާ މެދު އޮތް އުންމީދުތައް ވެސް ވަރަށް ބޮޑު ކަމަށް ބުންޏެވެ. އަދި "ލާހޯރް 1947" އަކީ ވަރަށް ގިނަ ޒަމާންތަކެއް ފަހުން، ސަނީއާ އެކި މަސައްކަތްކޮށްލެވުނު ފިލްމަކަށްވާތީ، މިއީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ފިލްމެއް ކަމަށް ކުޅަދާނަ ޑައިރެކްޓަރު ބުންޏެވެ.

"ލާހޯރް، 1947" އަކީ އެ ފިލްމު 2023 ގައި އިއުލާންކުރި ފަހުން ސަނީގެ ފޭނުން ވެސް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. އެހެންވެ އެ ރިލީޒްކުރާނެ ތާރީހެއްގެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިއްބެވެ.

އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ސަންތޯޝީ ބުނީ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އޭނަ އަށް ވެސް ނޭނގޭ ކަމަށެވެ.

"އަހަރެން ވެސް މި ހުރީ ޕްރޮޑިއުސަރު ތާރީހެއް އިއުލާން ކުރާނެ އިރަކަށް ބަލަބަލާ." ސަންތޯޝީ ބުންޏެވެ.

"ލާހޯރް، 1947" އަކީ ކުރީގެ ބަތަލާ ޕްރިތީ ޒިންތާ އެނބުރި އަންނަ ފިލްމު ވެސް މެ އެވެ. މީގެ އިތުރުން ކާސްޓުންގެ ތެރޭގައި ޝަބާނާ އަޒްމީ އާއި އަލީ ފަޒަލް، އަބިމަންޔޫ ސިންގުގެ އިތުރުން ސަނީގެ ދޮށީ ދަރިފުޅު، ކަރަން ޑިއޯލް ހިމެނެ އެވެ.

"އަންދާޒް އަޕްނާ އަޕްނާ" އާއި "ޕުކާރް" އާއި "ދަ ލެޖެންޑް އޮފް ބަގަތު ސިންގް" ގެ އިތުރުން "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީީ ފަދަ މަގުބޫލު ފިލްމުތައް ވެސް ގެނެސްދިން ސަންތޯޝީގެ އެންމެ ފަހުގެ ފިލްމަކީ އެކްޓަރު މިތުން ޗަކްރަބަތީގެ ދަރިފުޅު ނަމާޝީ ޗަކްރަބަތީ ތައާރަފުކޮށް ދިން 2023 ގެ "ބޭޑް ބޯއި" އެވެ.