ކޮރަޕްޝަންގެ ޢަމަލުތައް އެންމެ ގިނައިން ހިނގަނީ އާންމު ރައްޔިތުންނާއި ސަރުކާރުގެ އޮފިޝަލުންނާ ދެމެދު ސީދާ މުޢާމަލާތްކުރާ މާޙައުލުތަކުގަ އެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ތަޢާރަފު ކުރެވޭ އޮންލައިން އެޕްލިކޭޝަންތަކާއި، އިލެކްޓްރޯނިކް ޕޭމަންޓް ނިޒާމުތަކާއި އަދި އޮޓޮމޭޓެޑް އެޕްރޫވަލް ޕްރޮސެސްތަކުގެ ސަބަބުން ދެފަރާތުގެ ސީދާ ބައްދަލުވުން މަދުވެ، ރިޝްވަތާއި ނުފޫޒު ފޯރުވުމުގެ ފުރުޞަތުތައް މަދު ކުރެވިދާނެ އެވެ. ނުވަތަ އެއްކޮށް ނައްތާ ވެސް ލެވިދާނެ އެވެ.
އެހެން ނަމަވެސް، ހަމައެކަނި ޑިޖިޓަލައިޒޭޝަން ކުރުމަކީ ފުރިހަމަ ޙައްލެއް ނޫނެވެ. ކޮރަޕްޝަން ހުއްޓުވުމަށް މި ނިޒާމުތަކާއެކު އަންނަނިވި ކަންކަން ކަށަވަރު ކުރަން ޖެހެ އެވެ.
1. ނުރަނގަޅު ގޮތުގައި ޑޭޓާގެ ބޭނުންކުރުމާއި މެނިޕިއުލޭޝަން ހުއްޓުވުމަށްޓަކައި ވަރުގަދަ ސައިބަ ސެކިއުރިޓީ ފިޔަވަޅުތައް ޤާއިމު ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
2. ނިޒާމުތަކުގެ ހިންގުން ހަރުދަނާކަމާ އެކު ބެލެހެއްޓުމަށް، މިނިވަން އޯވަސައިޓް މެކޭނިޒަމްތައް ތަޢާރަފުކު ރުމަކީ ލާޒިމު ކަމެކެވެ.
3. އާންމު ރައްޔިތުންނަށް ފަސޭހައިން މަޢުލޫމާތު ލިބޭނެ ހަރުދަނާ ނިޒާމުތައް ޤާއިމުކޮށް، ދެފުށް ފެންނަ ގޮތަށް މަޢުލޫމާތުތަކަށް ވާޞިލުވުމުގެ މަގު ތަނަވަސްކޮށް ދޭން ޖެހޭނެ އެވެ.
މީގެއިތުރުން، ސަރުކާރުގެ އިސްވެރިންގެ މެދުގައި ޖަވާބުދާރީވުމުގެ އުސޫލުތައް އަށަގެންނެވުމަށްޓަކައި ޒިންމާދާރު ޘަޤާފަތެއް ބިނާ ކުރުމަކީ އިސްކަންދޭން ޖެހޭ ކަމެކެވެ.
އެހެންކަމުން، ދައުލަތުގެ ޚިދުމަތްތައް ހަމައެކަނި ޑިޖިޓަލް ވަސީލަތްތަކަށް ބަދަލު ކުރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ފުދޭނެ ފިޔަވަޅެއް ނޫނެވެ. ޙަޤީޤަތުގައި ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް ކޮރަޕްޝަން ނައްތާލުމުގެ ކާމިޔާބީ ބިނާވެގެން ވަނީ އެފަދަ ނިޒާމުތައް ތަންފީޒު ކުރެވޭ ފުރިހަމަކަމާއި ހަރުދަނާކަމުގެ މައްޗަށެވެ.
ނޯޓް: މިއީ އަބްދުﷲ ރަޝީދު (މޫނިމާ) ގެ ލިޔުމެކެވެ.