Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އިނާޔަތްތަކާ މެދު ސަލީމްގެ ކަންބޮޑުވުންތަކެއް

ތަނަވަސް މީހުންނަށް، ދައުލަތުގެ ހަރަދުގައި ބޭސްފަރުވާ އަށް އާސަންދަ ދިނުމާއި، 65 އަހަރު ވުމުން ދޭ އިނާޔަތް ފަދަ އިނާޔަތްތައް ދިނުން ހުއްޓައިލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ހުށަހަޅައިފައިވާ ދައުލަތުގ ބަޖެޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް އޭނަ ވިދާޅުވީ ދައުލަތުގެ ފައިސާ އިސްރާފުވަމުންދާ ކަމަށެވެ. އަދި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި ޚަރަދުތައް ކުޑަކުރުމަށް އެންމެ މުހިންމު ކަންކަމަށް ހޭދަކުރެވޭނެ ގޮތްތަކެއް ފަހި ކިރަން ކަމަށް ވިދާޅުވި އެވެ.

ސަލީމު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރެވޭތޯ ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް ހަރަދު ކުޑަކުރުމުގެ ކޮންމެ ކަމެއް ވެސް ގުޅިފައި ވަނީ ރައްޔިތުންނާ ކަމަށެވެ.

އޭނަ ވިދާޅުވީ ގައުމުގެ މިއަދުގެ ހާލަތު އޮތް ގޮތުން ސިއްހީ ދާއިރާގެ ހަރަދުތައް ވެސް ކުޑަކުރެވެން ނެތް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހޮސްޕިޓަލް އަޅައި އެ ތަންތަނަށް ޚިދުމަތް ވެސް ދޭންޖެހޭ ކަމަށެވެ. އަދި މީގެ އިތުރުން ދެން ވެސް ހުރި ހުރިހާ ކަމެއް ވެސް އެބަ ކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ސަރުކާރުން ހުރިހާ ޚިދުމަތެއް ރައްޔިތުންނަށް ދެނީ ހިލޭ ކަމަށާއި އެ ކަންކަން ހުއްޓައިފި ނަމަ ރައްޔިތުން ހިތްހަމަނުޖެހޭނެ ކަމަށެވެ. އަދި މިފަދަ ނިޒާމަކުން ކަންކަން ބައްޓަންކޮށްފައި ވަނީ ކުރީ ސަރުކާރުތަކުން ކަމަށާއި އެހެންކަމުން ކުއްލިއަކަށް ހިލޭ ލިބޭ އިނާޔަތްތަކާއި، ޚިދުމަތްތައް ކަނޑައިލާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އާސަންދަ އާއި 65 އަަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތް ތަނަވަސް މީހުންނަށް ދިނުން ހުއްޓައިލަން ގޮވާލައްވައިފަ އެވެ. އަދި އެއީ ނިކަމެތި ރައްޔިތުންނަށް ހައްގު އެއްޗެއް ކަމަށާއި، މުއްސަނދިންނަށް ލިބެން ޖެހޭ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ތަނަވަސް މީހުންގެ އަތުން ނަގަންވީ ޒަކާތް ކަމަށާއި އަދި ތަނަވަސް މީހުންގެ އަތުން ޒަކާތް ރަނގަޅަށް ނެގޭ ނަމަ މުޖުތަމައުގެ ތެރޭގައި ނިކަމެތިކޮށް އުޅޭ މީހުންގެ ބޭނުންތައް ފުއްދޭނެ ކަމަށެވެ.