Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ޓްވިންކަލްގެ 5 ވަނަ ފޮތް މި މަހު ނެރެނީ

ބޮލީވުުޑްގެ ކުރީގެ ބަތަލާ އަދި މިހާރުގެ ލިޔުންތެރިޔާ ޓްވިންކަލް ކަންނާގެ ފަސް ވަނަ ފޮތް މި މަހު ނެރެން ނިންމައިފި އެވެ.

އޭނަ މިއަދު ވަނީ ފޮތުގެ ކަވަރު ވެސް ދައްކާލައިފަ އެވެ.

މި މަހުގެ ފަހުކޮޅު ނެރެން ނިންމާފައިވާ ފޮތުގެ ނަމަކީ "މިސިޒް ފަނީބޯންސް ރިޓާންސް" އެވެ. މިއީ އޭނަގެ ފުރަތަމަ ފޮތް ކަމަށްވާ 2015 ގެ "މިސިޒް ފަނީބޯންސް" ގެ ސީކްއެލްއެއް ކަމަށް ބުނެފައިވެ އެވެ.

ޓްވިންކަލް އެންމެ ފަހުން ނެރުނު ފޮތަކީ 2023 ގެ "ވެލްކަމް ޓު ޕެރަޑައިސް" އެވެ. އަދި އާ ފޮތް "މިސިޒް ފަނީބޯންސް ރިޓާންސް" އަކީ އިނގިރޭސިވިލާތުގެ ގޯލްޑްސުމިތުސް ޔުނިވަސިޓީން މިދިޔަ އަހަރު މާސްޓާ އޮފް އާޓްސް ހާސިލުކުރި ފަހުން، އޭނަ ކިޔުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފޮތެވެ.

ޓްވިންކަލްގެ ދެވަނަ ފޮތަކީ 2016 ގެ "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" އެވެ. އަދި ތިން ވަނަ ފޮތަކީ 2018 ގެ "ޕިޖާމާސް އާ ފޮގިވިން" އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރާ ކައިވެނިކޮށް ދެ ދަރިން ވެސް ތިބި ޓްވިންކަލް، 51، ބުނީ އާ ފޮތަކީ އޭނަގެ ފުރަތަމަ ފޮތުގެ ދެވަނަ ބައެއް ގެނެސްދޭން ކިޔުންތެރިން އެދުނު އެދުމުގެ މައްޗަށް ލިޔުނު ފޮތެއް ކަމަށެވެ. "މިސިޒް ފަނީބޯންސް ރިޓާންސް" މި މަހުގެ ފަހުކޮޅު ނެރެން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އާ ފޮތް ޕްރޮމޯޓް ކުރަން ޓްވިންކަލް ވަރަށް އަވަހަށް ޓުއާއެއް ވެސް ފަށާނެ އެވެ.

އޭނަ މިހާރު އަންނަނީ ބަތަލާ ކާޖޮލްއާ އެކު އެމެޒޯން ޕްރައިމް ވީޑިއޯގެ ޓޯކް ޝޯ "ޓޫ މަޗު ވިތު ކާޖޮލް އެންޑް ޓްވިންކަލް" ހޯސްޓް ކުރަމުންނެވެ.

އަކްޝޭއާ ކައިވެނިކޮށް ފިލްމު ކުޅުން ހުއްޓައިލި ޓްވިންކަލް އަކީ މަރުވެފައިވާ މަޝްހޫރު އެކްޓަރު ރާޖޭޝް ކަންނާ އާއި ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.