Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މުޅި ރާއްޖޭގެ ސިއްހީ ހާލަތު ބަލަން ދިރާސާއެެއް ހަދަނީ

މުޅި ރާއްޖޭގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި އަންނަ އަހަރު ދިރާސާއެއް ހަދަން ނިންމައިފި އެވެ.

މި ދިރާސާ ހެދުމަށް ޔުނިސެފާއެކު ހެލްތު މިނިސްޓްރީން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

'މަލްޓިޕްލް އިންޑިކޭޓަ ކްލަސްޓާ ސާވޭ' ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ދިރާސާގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ، ޚާއްސަ މަންދޫބު ޑރ. އެޑްވަޑް އަޑާއީ އެވެ.

މިނިސްޓަރު ވިދާޅުވީމި ދިރާސާ އަކީ ބައިނަލްއަޤުވާމީ ފެންވަރުގައި އާބާދީ އާއި ޞިއްހަތާ ގުޅުންހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްޙީ ހާލާތާއި، ސިއްޙީ ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާއެއް ކަމަށެވެ.

"އަންނަ އަހަރުގެ ކުރީކޮޅު ދިރާސާގެ މަސައްކަތް ފެށިގެން ދާނެ،" ނާޒިމު ވިދާޅުވި އެވެ. "ބޭނުމަކީ ޞިއްޙީ ހާލަތު ދެނެގަނެ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި، ސިޔާސަތުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން."

ދިރާސާގައި އާބާދީގެ ޞިއްހަތާއި، ދަރިމައިވުމުގެ ޞިއްހަތާއި، ކުޑަކުދިން ހެދިބޮޑުވަމުންދާ މިންވަރާއި، ދިވެހިން ޢާންމުކޮށް ކައިބޮއެ އުޅޭ ތަކެއްޗާ ބެހޭ މަޢުލޫމާތު އެއްކުރާނެ އެވެ. މި ދިރާސާ ހުރިހާ އަތޮޅެއްގައި ވެސް ކުރިއަށް ގެންދަން ނިންމާފައިވާ އިރު 6000 ގޭބިސީއަކަށް ޒިޔާރަތްކުރާނެ އެެވެ.