Last Updated: July 5, 21:05
Sunday, July 5, 2026
ޚަބަރު

އޭސީސީ އަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް

އޭސީސީގެ ރައީސް އާދަމް ޝާމިލް - ފޮޓޯ: ދިޔަރެސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޭސީސީގެ ފަރާތުން ބައިވެރިވިއިރު، ކޮމިޓީގެ ބައްދަލުވުމުގައި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ އޭސީސީއަށް މިހާތަނަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރާފައިވޭތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި ޝާމިލް ވިދާޅުވީ ކޮމިޝަނާ ހަވާލުވެ ހުރި އެންމެ އިސް މީހެއްގެ ގޮތުގައި ހުރި ހުރުމުގައި އޭނާގެ މައްޗަށް އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ މައްޗަށް ވަކި ނުފޫޒެއް އޮވެގެން އެކަން އެހެން ދުވަހަކު ވެސް ދިމާވެފައި އޮތް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، ހަމަގައިމު ވެސް އަޅުގަނޑު މި މަސައްކަތާ ހަވާލުވި ފަހުން ސަރުކާރުންނެއް، އަދި މިހާރުގެ އިއްޒަތްތެރި މެންބަރު ތި ކުރެއްވި ސަރުކާރަކުންނެއް ނެތް،" ޝާމިލް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޝާމިލް ވަނީ އަންނަ އަހަރަށްލަފާކުރާ ދައުލަތުގެ ބަޖެޓުގައި އޭސީސީއަށް ކަނޑައަޅާފައިވާ ބަޖެޓަކީ އެ ކޮމިޝަންގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ފުދޭ މިންވަރުގެ ބަޖެޓެއް ނޫންކަމަށް ވެސް ވިދާޅުވެފަ އެވެ.

ޝާމިލް ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެ ކޮމިޝަނަށް ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީއާއި އޭސީސީގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ފުދޭ މިންވަރުގެ ބަޖެޓެއް ނޫން ކަމަށެވެ. އެގޮތުން އޭސީސީއަށް ކަނޑައަޅާފައިވާ ބަޖެޓްގެ 96.6 އިންސައްތަ އަކީ މުސާރައާއި އިނާޔަތް ދިނުމާއި އޮފީސް ހިންގުމުގެ ހަރަދުތަކާއި ކެޕިޓަލް ހަރަދު ކަމަށް ޝާމިލް ވިދާޅުވި އެވެ.

އޭސީސީ މިހާރު ހިންގަމުންދަނީ ކުއްޔަށް އާންމުން ދިރިއުޅެމުންދާ ގެއެއްގައިކަން ފާހަގަކުރައްވާ ޝާމިލް ވިދާޅުވީ، އޭސީސީ އާންމު މީހުން ދިރިއުޅޭ ގެއެއްގައި ހިންގާ ގޮތަކަށް އިންތިޒާމުތައް ހުރެގެން ނުވާނެ ކަމަށެވެ. އަދި އެ ކޮމިޝަންގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ ޖާގައިގެ ގޮތުން ވަރަށް ދަތިގޮތަކަށް ކަމަށްވެސް ވިދާޅުވި އެވެ.