Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ބައްޔަކީ ވެސް ﷲ ގެ ރަހުމަތެއް!

ބަލިން ޝިފާ ލިބުން ލަސްވުމަކީ ވެސް، ވޭން އެޅުން ބޮޑުވުމަކީ ވެސް އަދި ޝިފާ ނުލިބުމަކީ ވެސް ﷲ ތަޢާލާ ލައްވަވާ ރަޙްމަތެކެވެ! އޮތީ އުފާކުރުމެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތް އިތުރުވާނެ ގޮތްތައް އެކި މީހުންނަށް މިންވަރު ކުރައްވަވަނީ ނުވަތަ އެކަމަށް ފުރުޞަތު ދެއްވަވަނީ އެކި މީހުންނަށް އެކި ގޮތަށެވެ. ހިތްދަތިކަން ކުރިމަތިވުން، ތަނަވަސްކަން ކުޑަވުން، ބައްޔެއްގައި އުޅެން ޖެހުން ފަދަ އިމްތިޙާންތަކުންނެވެ.

އެކަންކަން ނުވިސްނޭތީ ނަމަވެސް ބައެއް މީހުން ކުރާ ސުވާލެކެވެ. ﷲ ތަޢާލާ އެންމެންނަށް ޝިފާ ނުދެއްވަވަނީ ކީއްވެގެން ހެއްޔެވެ؟ މީސްތަކުންގެ މެދުގައި ތަފާތު ކުރައްވަވަނީ ކީއްވެގެންހެއްޔެވެ؟

އަހުރެންނަށް ބުނެވެން އޮތީ އެކަމުގެ ސަބަބު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެކަމަކު ވިސްނައިފި މީހަކަށް އެނގޭނެއެވެ. ޑޮކްޓަރުން އެމީހަކަށް ޝިފާ ނުލިބޭނެކަމަށް ބުނާ އެތައް ބައަކަށް ޝިފާ ލިބެއެވެ. އެއްވެސް ބޭހަކާއި ނުލައި ވެސް ޝިފާ އެބަ ލިބެއެ ވެ. ވަރަށް އާދައިގެ ޑޮކްތަރަކު ދޭ ވަރަށް އާދައިގެ ބޭހަކުން ބޮޑެތި ބަލިތަކަށް ވެސް ޝިފާ ލިބެ އެވެ. ﷲ ތަޢާލާ ދެއްވެވުމުން މެނުވީ އެ މީހުންނަށް ޝިފާ ލިބެނީ ކީއްވެގެން ހެއްޔެވެ؟

އަހުރެމެން މުސްލިމުން ވިސްނަން އޮތީ ﷲ ތަޢާލާގެ މަގުންނެވެ. އެމަގުން ވިސްނައިފި ނަމަ ބަލިން ޝިފާ ނުލިބުމަކީ މައްސަލައެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް އެމީހަކު ގެންދަވާނެ ޙާލަތު ނުވަތަ މަރުވާނެ ޙާލަތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

އޭގެ އިތުރުން މުސްލިމުންނަށް މުހިންމީ ބައްޔެއް ނުޖެހި ދުނިޔޭގައި އުޅެވުމެއް ނޫނެވެ. އަދި އެންމެ ތަނަވަސް މީހާގެ ގޮތުގައި ދުނިޔޭގައި އުޅެވުމެއްވެސް ނޫނެވެ. އެމީހަކު މަރުވުމުން ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލެއްވެވުމެމެވެ. ދުނިޔޭގައި އެންމެ ގިނަ ދުވަހު އުޅެވުމަކީ އެންމެ ބޮޑު ނިޢުމަތްކަމުގައިނުވެއެވެ. އެއީ އެންމެ ބޮޑު ނިޢުމަތް ކަމުގައިވާނަމަ އެނިޢުމަތް އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަދައިގަތީހެވެ.

އަހުރެމެން އެކަމަށް އެދި ދުޢާކުރުމުން ޢުމުރު ދިގުކުރައްވަވައި ދެއްވަވަތެވެ. ނަމަވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތަކަށެވެ. އެ މުއްދަތު ބަދަލެއް ނުކުރެވޭނެ އެވެ.

އަހުރެމެން މުސްލިމުން މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ބިރުގަންނަންވީ ނުވަތަ ކަންބޮޑުވާންވީ މަރުވެދާނެތީއެއް ނޫނެވެ. ކަންބޮޑުވާންވީ ބޮޑު ބައްޔަކުން ޝިފާ ނުލިބި މަރުވާންޖެހިދާނެތީއެއްވެސް ނޫނެވެ. ތައުބާ ނުވެވި ހުއްޓައި މަރުވެދާނެތީ އެވެ.
ބިރު ގަންނަންވީ ވެސް އަދި ކަންބޮޑުވާންވީ ވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅެއްގެ ގޮތުގައި މަރުވާން ޖެހިދާނެތީ އެވެ. އަބަދުވެސް ހެޔޮ ޢަމަލު ކުރުންމަތީގައި ދެމިތިބެންޖެހެނީ އެހެންވެގެންނެވެ.

އިސްލާމް ދީނަށް އެންމެ ބޮޑަށް ޚިދުމަތް ކުރެއްވެވި އެންމެ ބޮޑެތި އެންމެ މަޝްހޫރު ބައެއް ޢިލްމުވެރިން ވެސް ދުނިޔެ ދޫކުރައްވަވާފައި ވަނީ ބޮޑެތި ބަލިތަކު ގައެވެ. ވީމާ ބޮޑެތި ބަލިތައް ޖެހެނީ ވަކި މީހަކަށް ނޫންކަމާއި އެއީ ވެސް ﷲ ތަޢާލާ ކުރިމަތިކުރައްވަވާ ވަރުގަދަ އިމްތިޙާނެއްކަން މިއޮތީ އެނގޭށެވެ. ވީމާ އެއްވެސް މީހަކަށް ޝިފާ ނުލިބުމަކީ ސުވާލު އުފައްދައިގެން ވާނެ ކަމެއް ނޫނެވެ.

ދުޢާ އަކީ އަހުރެމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވެވުމެވެ. އާމީން.

ނޯޓް: މިއީ އަބްދުއްލަތީފުގެ ލިޔުމެކެވެ.