Last Updated: July 5, 21:05
Sunday, July 5, 2026
ޚަބަރު

ހުރިހާ ރަށަކުންވެސް މަޝްރޫއުތައް ހިނގަމުންދާތަން މިހާރު ފެންނާނެ

ހުރިހާ ރަށަކުންވެސް މަޝްރޫއުތައް ހިނގަމުންދާތަން މިހާރު ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެއަތޮޅު ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ރަށަކުން ވެސް މިހާރު ކަންކަން ހިނގަމުންދާތަނާއި ނިމެމުންދާތަން އަދި އާ މަޝްރޫއުތައް ފެށޭތަން ފެންނާނެ ކަމަށެވެ.

"އެހެންވީމާ ގުޅީގެ ރައްޔިތުންނަށް ތިޔަ އެކްސްޕީރިއެންސް ކުރަމުންދާ ނޫނިއްޔާ ފެނިވަޑައިގަންނަވާ މަންޒަރަކީ އިރާދަކުރެއްވިއްޔާ އެ ރަށެއްގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަންތައް، ފެނިވަޑައިގަންނަވަމުންދާ ކަންތައް،" ރައީސް ވިދާޅުވި އެވެ.

ގުޅީ ބިންހިއްކުމުގެ މަޝްރޫޢު ނިމުމަކީ، ރައްޔިތުންގެ ތަރައްޤީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ޞަފުޙާއެއް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ބިން ބޭނުންކުރުމަށްޓަކައި ހަދާ ލޭންޑްޔޫސް ޕްލޭން ވެގެންދާނީ އެންމެ ހެޔޮ ގޮތުގައި ބިމުގެ ބޭނުން ހިފުމަށް ފަހިވެގެންދާނެ ޕްލޭނަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި އެގޮތުން، ގޯތިގެދޮރު ބިނާކުރުން ފަދަ ކަންކަމުގެ މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ކ. ގުޅި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، އެމްޓީސީސީއާއެކު ސޮއިކޮށްފައިވާއިރު، މި މަޝްރޫޢުވެސް، ބިންހިއްކުމުގެ މަޝްރޫޢު ފަދައިން ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވައި، ނިންމަވާނެކަމުގެ ޔަޤީންކަން، ރައީސް ދެއްވި އެވެ.

މީގެއިތުރުން ފަތުރުވެރިކަމަށް ކ. ގުޅިން ދޫކޮށްފައިވާ ބިމާ ގުޅިގެން އުފެދިފައިވާ މައްސަލައަށް، ރައްޔިތުން އެދޭ ހައްލު ހޯއްދަވައިދެއްވާނެ ކަމަށާ، އެކަން ކުރައްވާނީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން، ދަޢުލަތަށްވެސް ބުރަނުވާ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.