ކައުންސިލް އިދާރާގެ އިމާރާތް އަޅަން ނިންމާފައިވާ 55 ރަށުގައި އެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނެފި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނީ ކައުންސިލް އިމާރާތްތަައް ޢިމާރާތްކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، މަސައްކަތް ފެށުމަށް 42 ރަށަކަށް ތަކެތި މޮބިލައިޒްކުރެވިފައިވާ ކަމަށާއި އަދި 38 ރަށެއްގައި ކައުންސިލް އިމާރާތްތައް އެޅުމަށް ބޭނުންވާ ސާމާނު ސައިޓަށް ފޮނުވާފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން މި ހުރިހާ އިމާރާތްތައް ނިންމައި ހިދުމަތް ފެށޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރަށްރަށުގެ ކައުންސިލް އިމާރާތައް އަޅަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ އެވެ.
މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެވެ. ނަމަވެސް، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން އެ އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.