Last Updated: July 5, 21:05
Sunday, July 5, 2026
ޚަބަރު

ހިތަދޫގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެ އަނދައިފި

އައްޑޫ ސިޓީ ހިތަދޫގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 22:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 23:11 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މީގެ ކުރިން ވެސް ދުއްވާފައި ދިޔަ ކާރުތަކުގައި އަލިފާން ރޯވުމުގެ ހާދިސާތައް އައްޑޫގައި ހިނގާފައި ވެ އެވެ.