Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާގެ އިންޑިއާ ފިލްމުގެ ޕޯސްޓަރެއް

މިހާރު ހޮލީވުޑަށް އިސްކަންދޭ އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަހަރުތަކެއް ފަހުން ފެންނާނެ ފުރަތަމަ އިންޑިއާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ނަން އަދި ރަސްމީކޮށް ހާމަނުކޮށް "ގްލޯބްޓްރޮޓާ" ގެ ގޮތުގައި ސިފަކުރަމުން އަންނަ މި ފިލްމަކީ "ބާހްބަލީ" އާއި "އާރްއާރްއާރް" ފަދަ ފިލްމުތަކުން މުޅި ދުނިޔޭގައި އިންޑިއާގެ ސިނަމާގެ ވަރުގަދަކަން ދައްކައިލި ޑައިރެކްޓަރު އެސްއެސް ރާޖަމީލޯގެ ފިލްމެކެވެ.

ރޭ އާންމުކުރި ޕްރިޔަންކާގެ ޕޯސްޓަރުގައި ބުނެފައި ވަނީ އޭނަ ފިލްމުގައި ފެންނާނީ މަންދާކިނީ ކިޔާ ކެރެކްޓާއަކުން ކަމަށެވެ. އެ ޕޯސްޓަރުގައި ޕްރިޔަންކާ ފެންނަނީ ގަދަ ރީނދޫ ކުލައިގެ ސާޅީއެއް ލައިގެން، ފިސްތޯލައަކުން ބަޔަކަށް ހަމަލާދޭ ތަނެވެ.

ބޮލީވުޑްގެ ކާމިޔާބު އެތައް ފިލްމެއް ކުޅެ، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ އެންމެ ފަހުން ފެނިފައިވާ އިންޑިއާ ފިލްމަކީ 2019 ގެ ބޮލީވުޑްގެ ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ. އޭގެ ފަހުން 2021 ގައި އެ ފިލްމުގެ ބަތަލު ފަރުހާން އަޚްތަރު ޑައިރެކްޓްކުރަން އިއުލާންކުރި "ޖީ ލޭ ޒަރާ" އަށް ޕްރިޔަންކާ ސޮއިކުރި އެވެ.

އެކަމަކު އެއީ އެކިއެކި ސަބަބުތަކާ ހެދި މަސައްކަތް ނުފެށި އޮތް ފިލްމެކެވެ.

ރާޖަމޯލީގެ އާ ފިލްމުން އަންނަ އަހަރު ޕްރިޔަންކާ ފެންނާނެކަން ކަށަވަރުވެފައިވާ އިރު، މި ފިލްމަކީ ތެލެގޫ ފިލްމެކެވެ. އެކަމަކު "ގްލޯބްޓްރޮޓާ" އަކީ އިންޑިއާގައި ވާހަކަ ދައްކާ މައިގަނޑު ހުރިހާ ބަހަކުން ޑަބްކޮށްގެން ގެނެސްދޭނެ ފިލްމެކެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ޝޫޓިން ކުރިއަށްދާ މި ފިލްމަކީ ޖަންގަލް އެޑްވެންޗާއެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އާދައިގެ މަތިން ރާޖަމޯލީ އާއި އޭނަގެ ބައްޕަ ކުޅަދާނަ ސްކްރީން ރައިޓަރު ކޭވީ ވިޖަޔެންދުރަ ޕްރަސާދެވެ.

ދާދި ފަހުން ކެންޔާގައި ވެސް ޝޫޓިން ޝެޑިއުލެއް ކުރިއަށް ގެންގޮސްފައިވާ "ގްލޯބްޓްރޮޓާ" ގެ ލީޑް ބަތަލަކީ މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އެވެ. ބެލެވޭ ގޮތުން ފިލްމުގެ ރަސްމީ ނަމާއި މަހޭޝްގެ ފަސްޓްލުކް ޕޯސްޓަރު އަންނަ ހޮނިހިރު ދުވަހު އާންމުކުރާނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ނަމަކީ "ވަރާނަސީ" އެވެ.

ފިލްމުން ޕްރިޔަންކާގެ ޕޯސްޓަރެއް ދައްކައިލި އިރު، މީގެ ވަރަށް މުހިއްމު ރޯލަކުން ފެންނާނެ އެކްޓަރު ޕްރިތުވީރާޖް ސުކްމަރަންގެ ފަސްޓްލުކް މީގެ ފަސް ދުވަސް ކުރިން ދައްކާލާފައިވެ އެވެ. އޭނަ ފިލްމުގައި ފެންނާނީ ކުމްބާ ކިޔާ ކެރެޓާއަކުންނެވެ.

ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖުލައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން އެކްޝަން ކޮމެޑީ "ހެޑްސް އޮފް ސްޓޭޓް" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އެކްޝަން ޑްރަމާ "ދަ ބްލަފް" ހިމެނެ އެވެ.