Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޗައިނާ ޓޫރިސްޓުންގެ އަދަދު 300،000 އަށް

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާ އިން އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 300،000 އަސް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 11 އާ ހަމައަށް 300،352 ޓޫރިސްޓުން ޗައިނާ އިން އަައިސްފައިވެ އެވެ.

ތަފާސްހިސާބުތަކަށް ބަލާ އިރު ރާއްޖެ އަށް މިހާތަނަށް އައިސްފައިވާ ޖުމްލަ ޓޫރިސްޓުންގެ 15 ޕަސެންޓް ހިއްސާކުރަނީ އެވެ. މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވެ އެވެ.

މިދިޔަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ ޗައިނާ އެވެ. އެގޮތުން މިދިޔަ އަހަރު 263042 ޓޫރިސްޓުން އެ ގައުމުން އަ އެވެ.

ރާއްޖެ އަށް މިހާރު އެވްރެޖްކޮށް ދުވާލަކު 6،446 ޓޫރިސްޓުން އަންނަ އިރު، މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަކީ ޗައިނާ (300،352 ޓޫރިސްޓުން) ރަޝިއާ (239،004 ޓޫރިސްޓުން)، އިނގިރޭސިވިލާތް (168،597 ޓޫރިސްޓުން)، ޖަރުމަން (141،739 ޓޫރިސްޓުން)، އިޓަލީ (124،406 ޓޫރިސްޓުން)،
އިންޑިއާ (109،297 ޓޫރިސްޓުން)، އެމެރިކާ (54،449 ޓޫރިސްޓުން)، ފްރާންސް (48،673 ޓޫރިސްޓުން)، ސްޕެއިން (46،582 ޓޫރިސްޓުން) އަދި އޮސްޓްރޭލިއާ (36،274 ޓޫރިސްޓުން) އެވެ.