Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ކަނޑުގެ ވަސީލަތްތަކާ ގުޅޭ 20 އަހަރުގެ މާސްޓަޕްލޭނެއް

ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާ ގުޅޭ ގޮތުން 20 އަހަރުގެ މާސްޓަޕްލޭން ހެދުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ތަރައްގީ ކުރުމަށްޓަކައި، 2025-2045 އަށް ހާއްސަކޮށްގެން އެކުލަވާލާ މާސްޓަޕްލޭންތަކެއް ކަމަށެވެ.

މި މަސައްކަތުގެ ފުރަތަމަ ބަޔެއްގެ ގޮތުން، މާސްޓަޕްލޭނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ވެސް އިއްޔެ ވަނީ ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ކަމާބެހޭ މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އަދި އަމިއްލަ ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވެފައިވެ އެވެ. ބައްދަލުވުމުގެ މައިގަނޑު މަގުޞަދަކީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ދާއިރާގައި ހުރި މައިގަނޑު އިސްކަންދޭން ޖެހޭ ކަންކަމާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އަދި ހުރި ފުރުޞަތުތަކާ ގުޅޭ ގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމެވެ.

މި މާސްޓަޕްލޭނަކީ، ދާއިރާގެ ކުރިމަގު ބައްޓަންކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބޭނުންވާ ސްޓްރެޓެޖިކް އޮނިގަނޑެއްގެ ގޮތުގައި ޚިދުމަތް ކުރާނެ ފުރިހަމަ އަދި ކުރިމަގަށް ބަލާ އެކުލަވާލެވޭ ރޭވުމަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިކަމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ސަބަބުން، މާސްޓަޕްލޭނަށް ބޭނުންވާ މުހިންމު ޚިޔާލުތަކާއި ލަފާތައް ލިބި، ދާއިރާގެ އެންމެހާ ފަރާތްތަކުގެ ބައިވެރިވުމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި ކަނޑުގެ ވަސީލަތްތައް ކުރިއަރުވައި، ދިގު މުއްދަތަށް ފައިދާހުރި ގޮތެއްގައި ބެލެހެއްޓުމަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ އެވެ.

ކުރިއަށް އޮތް ތަނުގައިވެ ސް މިފަދަ އިތުރި މަޝްވަރާ ބައްދަލުވުންތައް ބާއްވަން ހަމަޖެހިފައިވެ އެވެ.