Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ނިޒާމަށް ގެންނަން އުޅޭ ބަދަލު ހާމަނުކުރާތީ ކަންބޮޑުވެއްޖެ

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުޑަތަންވަމުން އަންނަ އިރު، ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަން އުޅޭ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށާއި، މަޝްވަރާކުރުމަށް އެ ޕާޓީން އިއްޔެ އިލެކްޝަންސް ކޮމިޝަން (އިސީ) ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުން ފަދަ، އެކިއެކި ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ވެރިން ދައްކަވަމުން ގެންދަވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އަދި އިންތިޖާބނު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރު ވެސް، އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި ނުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް ނުވަތަ ހިޔާލަށް ވެސް ހުޅުވައިނުލާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުންޏެވެ.

"މިހެންކަމުން، ބަދަލުތަކެއް ގެންނާން އުޅޭކަން އެނގުނު ނަމަވެސް، އެއީ ކޮން ބަދަލުތަކެއްކަން މިހާތަނަށް ސާފުވެފައެއް ނުވޭ. މި ކަމުގެ ސަބަބުން، މި ޕާޓީން އަދި އެހެނިހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ގަސްތުކުރާ ފަރާތްތަކަށް ވެސް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވޭ،" އެމްޑީޕީން ބުންޏެވެ. "ސިޓީތަކުގައި އެކުލެވޭ ދާރިރާތައް ކަނޑައަޅައިފައި ނުވުމުގެ ސަބަބުން، އެ ތަންތަނުގައި ޕްރައިމަރީ ބާއްވާ ފަހުން އަންނަ ބަދަލާއެކު އަލުން ކެންޑިޑޭޓުން ކަނޑައަޅަން ޖެހުން ނުވަތަ ޕްރައިމަރީ ބާއްވަން ޖެހިދާނެ ހާލަތު ދިމާވު ންފަދަ އެތަކެއް ގޮންޖެހުންތަކެއް މި ޕާޓީއަށް ދަނީ ކުރިމަތިވަމުން."

އެ ޕާޓީން ބުނީ މިފަދަ ކަންބޮޑުވުންތައް އީސިއާ އެކު ބޭއްވި ބައްދަލުވުމުގައި ހިއްސާކުރުމުން، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރާވަމުންދާ ބަދަލުތަކަކީ ކޮބައިކަން އެ ކޮމިޝަނަށް ވެސް އަންގައިފައި ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލާ މެދު އެ ކޮމިޝަނުގެ އެއްވެސް މަޝްވަރާއެއް ވެސް ހޯދައިފައި ނުވާ ކަމަށް ވެސް ބުނެފައިވާ ކަމަށް އެމްޑީޕން ބުންޏެވެ.

އެހެންވެ މިއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން، އިންތިހާބީ ދާއިރާތަކާއި، ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، އަދި ކެންޑިޑޭޓުންގެ ޝަރުތުތައް ފަދަ، ލާމަރުކަޒީ ނިޒާމުގެ އަސާސީ ސިފަތަކާއި އުސޫލުތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް، އިންތިހާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާކަން ހާމަވާ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.

"އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަ ކަމުގައިވާ ނަމަ، އެކަން އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކަށް ދުލާރައި އެންގުމާއެކު، ރައްޔިތުންނަށް އަވަހަށް ހާމަކުރުމަށް ސަރުކާރަށް ގޮވައިލަން." އެމްޑީޕީން ބުންޏެވެ.

ކައުންސިލް އިންތިހާބު ބާއްވަން އީސީން ނިންމާފައި އޮތީ އަންނަ އަހަރުގެ މާޗް 28 ގަ އެވެ.