Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް

ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

މި އޮޕަރޭޝަނާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ޙާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ އްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރެވޭ މި އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރި ވާނެ." ރައީސް ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަން ފެށި އިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ ވަބާ އަކީ މަސްތުވާތަކެތީގެ މައްސަލަ އެވެ. އެގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ވިއްކުމާއި ބޭނުން ކުރުން ރާއްޖޭގައި ވަރަށް އާންމެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތައް ހިންގާފައިވެ އެވެ.

ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެ ކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް އޮޔީ ނިންމަވާފަ އެވެ.

އެ ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.