މީގެ ހަތް އަހަރު ކުރިން ރިލީޒްކޮށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ބޮލީވުޑްގެ ފިލްމު "ލައިލާ މަޖުނޫ" އަށް ފަހު، އޭގެ ޑައިރެކްޓަރު ސާޖިދު އަލީ އަނެއްކާ ވެސް ހަމަ މި ޒާތުގެ ލޯބީގެ ފިލްމެއް ހަދަން ތައްޔާރުވާން ފަށައިފި އެވެ.
މި ފަހަރުގެ ފިލްމަކީ މަޝްހޫރު ލޯބީގެ ހިޔާލީ ޖޯޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ހީރް ރާންޖާ" ގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ.
މި ފިލްމަށް ވަމުން އަންނަ ތައްޔާރީތަކުގެ ދަށުން ހީރްގެ ރޯލު ކުޅެން އާ ބަތަލާ އަކު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު އޮޑިޝަންތަކެއް ވަނީ ފަށައިފަ އެވެ.
"ހީރް ރާންޖާ" އަށް އާ ބަތަލާއަކު ހޯދި ނަމަވެސް މީގެ ބަތަލުގެ ރޯލު ކުޅޭނީ މަޝްހޫރު އެކްޓަރެކެވެ. އެގޮތުން ފިލްމު ރަސްމީކޮށް އިއުލާން ކުރާނީ ބަތަލާ އަކު ފައިނަލް ކުރުމަށް ފަހު ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުންޏެވެ.
ދެހާސް އަށާރައިގައި ރިލީޒްކުރި "ލައިލާ މަޖުނޫ" ގެ ޑައިރެކްޓަރު ސާޖިދަކީ "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރު އިމްތިއާޒް އަލީގެ ކޮއްކޮ އެވެ.
ޓްރިޕްތީ ދިމްރީ އާއި އަވިނާޝް ތިވާރީ ލީޑް ރޯލު ކުޅުނު "ލައިލާ މަޖުނޫ" އަކީ އިމްތިއާޒާއި ސާޖިދުގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމެކެވެ. އޭގެ ޕްރޮޑިއުސަރަކީ އެކްތާ ކަޕޫރެވެ.