Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އޮޕަރޭޝަން އަލިމަގު: 97 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި މިއަދު ފެށި ބޮޑު އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން މިހާތަނަށް 86 ތަނެއް ބަލައި، ފާސްކޮށް، 97 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނަމަވެސް އެއީ ކޮންކޮން ތަންތަނުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކި ފުލުހުން ވަނީ އޮޕަރޭޝަންގެ ތެރެއިން އެކި ބާވަތުގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގުވުމަށް މިއަދު ފެށި 'އޮޕަރޭޝަން އަލިމަގު" ގައި އެއް ވަގުތެއްގައި ރާއްޖޭގެ 100 އަ ށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރަން ހަމަޖެހިފައިވާ އިރު، މި އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޮޕަރޭޝަން ފެށީ ފަތިހު 5:30 ގައި ކަމަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ ތާރީހެއްގައި ޑްރަގާ ދެކޮޅަށް ހިންގާ އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ.