Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ފެނުގެ މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށް ދޭން ގޮވާލައިފި

ފެން ކެނޑިފައިވާތީ ފުވައްމުލަކުގައި އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން.

ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ސަރުކާރުން ހައްލުކޮށް ދޭން އެމްޑީޕީން ގޮވާލައިފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކުގެ ރައްޔިތުންނަށް ސާފު ފެން ނުލިބި، އެތައް ދުވަހެއް ވެގެން ދިޔުމަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އެމްޑީޕީން ބުނީ ސާފު ފެން ލިބުމަކީ އަސާސީ، އިންސާނީ ހައްޤަކަށް ވީ ހިނދު، ރަށުގެ ފެނުގެ މައްސަލަ ޖެހެމުންދާކަން ރައްޔިތުންނާއި ސިޓީ ކައުންސިލުން ތަކުރާރުކޮށް ފާހަގަކުރަމުން ދިޔަ ނަމަވެސް، އެފަދަ ހައްސާސް މައްސަލައަކަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނުން ދީފައި ނުވާކަމީ ކަންބޮޑުވާ ކަމެއް ކަަމަށެވެ.

ސަރުކާރުގެ އަމަލުތަކުން ފެންނަނީ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމުގެ ބަދަލުގައި، އެޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ބަޖެޓުން ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ތަން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"މިކަމުގެ ސަބަބުން ރައްޔިތުން ތަޙައްމަލު ކުރަން ޖެހޭ ދަތިތަކަކީ ކުރިއާލައި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުނު ނަމަ ތަޙައްމަލު ނުކޮށް ވާނެ ދަތިތަތަކެއް." އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނީ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ހުއްޓި، އަސާސީ އެތައް ކަމަކުން އެ ސިޓީގެ ރައްޔިތުން މަޙްރޫމުވެފައި ތިބި ދަނޑިވަޅެއްގައި ފެނުގެ ޚިދުމަތް ވަކި ވަގުތެއްގައި ލިބޭނެ ކަމަށް ސަރުކާރުން ބުނެ، އެ ވަގުތައް ޚިދުމަތް ނުލިބުމަކީ ސަރުކާރުގެ ނާޤާބިލްކަން ހާމަވާ، އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް މިހާރު ވެސް ދިމާވެފައިވާ ދަތިޙާލު އިތުރަށް ބޮޑުވާނެ ކަމެއް ކަމަށެވެ.

"ވީމާ ވީހާވެސް އަވަހަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ލިބޭނެ އިންތިޒާމު ހަމައްޖައްސައިދީ، ފެނުގެ ޚިދުމަތް މެދުނުކެނޑޭނެކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް މި ޕާޓީން ގޮވާލަން." އެމްޑީޕީން ބުންޏެވެ.