Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ޕީއެންސީން ބޮޑު މަންޒަރު ދައްކަން ކުރަނީ އިސްރާފު

ވެރިކަން ކުރާ ޕާޓީ، ޕީއެންސީން މާދަމާ ރޭ މާލޭގައި ބާއްވާ ޖަލްސާ އަށް ބޮޑެތި ހަރަދުތަކެއްކޮށް ރާއްޖާގެ އެކި ހިސާބުތަކުން މީހުން ގެންދާތީ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއް ރަހުމާން (އައްދު) ފާޑު ވިދާޅުވެއްޖެ އެވެ.

މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި އައްދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެއާބަސް ޗާޓަރުކޮށް، ޓިކެޓް ދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގައި ޕޮކެޓްމަނީ އާއި ކެއުމާއި އެކޮމޮޑޭޝަން ދީ، ޖަލްސާ އަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެންގޮސް ބޮޑުމަންޒަރު ދެއްކުމަށް 500 ލައްކަ ރުފިޔާ ހަރަދުވާ އޭނަ އަށް މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

"އަދި މިކަމަށް އަންލިމިޓެޑް ބަޖެޓް އޮތް ވާހަކަ ވެސް އިވުނު. ބޮޑު މަންޒަރު ދައްކަން ފޫނެތް ބަޖެޓް. އަނގަޔާއި އަތާ ދިމާ ނުވާ ވާހަކަ ދައްކަވާ މިކަހަލަ ކަންކަން ކުރީމަ އަޅުގަނޑުމެންނަށް ގަބޫލު ނުވަނީ މި ބޭފުޅުން ދައްކަވާ ވާހަކަ،" އޭނަ ވިދާޅުވި އެވެ. "ސުވާލަކީ ފޫނެތް ބަޖެޓް ފައިބަނީ މަތިންތޯ؟ މިކަމުން ހާސިލު ކުރަން އުޅެނީ ކޮން ކަމެއްތޯ؟"

މެންބަރު ވިދާޅުވީ ފެނިވަޑައިގަންނަވާ މަންޒަރަކީ ސަރުކާރުން އިސްރާފުކުރާ އިރު ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވިދާޅުވެފަވާއިހެން މަސް ނެތް ގަރުދިޔަ ކައިގެން ބޭސް ސިޓީ އަށް، ބޭސް ފަރުވާ އަށް ރައްޔިތުން ސަލާން ޖަހަން ތިބިތަން ކަމަށެވެ.