އިންޑިއާގެ ބޮޑުވަޒީރު ނަރެންދުުރަ މޯދީގެ ވާހަކަ ކިޔައިދޭން އިންޑިއާގެ ދެކުނުގެ ފިލްމު އިންޑަސްޓްރީން ހަދަން އިއުލާންކޮށްފައިވާ ފިލްމު "މާ ވަންދޭ: ދި އެންތަމް އޮފް އަ މަދާ" ގައި މޯދީގެ މަންމަ ހީރާ ބެން މޯދީގެ ރޯލުން ބަތަލާ ރަވީނާ ޓަންޑަން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރި މި ބައޮގްރަފިކަލް ޑްރާމާގައި މޯދީގެ ރޯލު ކުޅެން ހަމަޖެހިފައި ވަނީ މަލަޔާޅަމް އެކްޓަރު އުއްނި މުކުންދަން އެވެ.
"މާ ވަންދޭ" އަކީ ވީރު ރެޑީ ޕްރޮޑިއުސްކޮށް، ކްރަންތީ ކުމާރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
މީޑިއާތަކުން ބުނީ މީގައި މޯދީގެ މަންމަ ހީރަބެންގެ ދައުރު ވަރަށް ބޮޑަށް ދައްކުވައި ދޭނެ ކަމަށާއި އެ ރޯލު ކުޅެން ރަވީނާ އަށް ހުށަހެޅުމުން އެ ކެރެކްޓާގެ މުހިއްމުކަމާއި ވަރުގަދަކަމަށްޓަކައި އޭނަ ވަގުތުން ފިލްމަށް އެއްބަސްވެފައިވާ ކަމަށެވެ. އެހެންވެ "މާ ވަންދޭ" ގައި ރަވީނާގެ ވަރަށް މޮޅު ރޯލެއް ފެންނާނެ ކަމަށް ބުނެފައިވެ އެވެ.
މޯދީގެ މަންމަ 99 އަހަރުގައި މަރުވީ 2022 ގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. މޯދީގެ ކާމިޔާބު ހަޔާތް ބައްޓަންވުމުގައި އޭނަގެ މަންމަގެ ދައުރު ވަރަށް ބޮޑެވެ. އަދި މޯދީ ފާހަގަވެފައި ވަނީ މަންމައާ ވަރަށް ގާތް ބަދަހި ގުޅުމެއް ބޭއްވި ޝަހުސިއްޔަތެއްގެ ގޮތުގަ އެވެ.