ދިރާސާތައް ދައްކާ ގޮތުން, ފިރިހެނުން ޝައުގުވެރި ވަނީ ލޮލަށް ފެންނަ ކަންކަމަށެވެ. އަންހެނުން ޝައުގުވެރި ވަނީ އަމަލުން ދައްކާ ކަންކަމަށެއެވެ.
އެހެންކަމުން ބައެއް ރޭރޭ ވަގުތު ހޯދައިގެން ފިރިމީހާ ގެއަށް އަންނަންވާ އިރަށް ރީތިވެ ނަލަ ހެދިލާށެވެ. ފިރިމީހާ އުފާވާ ކަހަލަ ސަޕްރައިޒެއް ދޭށެވެ. އޭނަ އަށް މީރު އެއްޗެއް ކައްކާލާށެވެ. ފިރިމީހާ ލޮލަށް ފިނިކަން ލިބޭ ފަދަ އަދި ތިބާ ފެނުމުން އުފަލުން ކެތްތެރިކަންކޮޅުންލާ ފަދަ އެއްޗެއް ލާށެވެ.
މީ ލަދުވެތިވާންވީ ކަމެއް ނޫނެވެ. މީ ދީނުގެ އިމުގެތެރެއިން ފިރިމީހާއަށްޓަކައި ކުރެވިދާނެ މުހިންމު ކަމެކެވެ. އަދި ފިރިމީހާ ތިބާ ދެކިލަން އަވަހަށް ގެއަށް އައުމަށް އެޅޭނެ ބާރެކެވެ. ހަމަ އެއާއެކު ފިރިން ހަނދާން ބަހައްޓަން ޖެހޭ ކަމަކީ އަނބިމީހާ އަށް މިގޮތަށް އަމަލު ކުރުމުގެ ރޫހު އަންނާނީ ފިރިމީހާގެ ފަރާތުން ވެސް ކަންތައްތަކެއް ފުރިހަމަ ވެގެންކަމެވެ.
ހަގީގަތުގައި އަނބިން ރުއްސުމަކި މާބޮޑު ކަމެއް ނޫނެވެ. ގިނަ އަނބިން ބޭނުންވާނީ އޭނާގެ އަގުވަޒަން ކޮށް ތައުރީފުގެ ބަހެއް ބުނެލާނެ ފިރިއެކެވެ. އެގޮތުން ކާން އަރާފައި އަނބިމީހާ ކައްކާފައި ހުރި އެއްޗެތި މީރު ވާހަކަ ބުނެލާށެވެ. "މި ރިހަ ހާދަމީރޭ" މިފަދަ ބަސްތައް ބުނެލާށެވެ.
އޭނާ ލައިގެން ހުންނަ ހެދުމަށް ތައުރީފުކޮށްލާށެވެ. "މިއަދު މަގޭ ކަމަނަ ހާދަ ރީއްޗޭ" ބުނެލާށެވެ. "ތިހިނިތުންވުން ފެނުނީމައި ހިތައް މިވާ ގޮތެއް" މިަފަދަ ތައުރީފުގެ ބަސްތައް ބުނެލަށެވެ. ކައްކާ އެއްޗެތި މާ މީރު ނޫނަސް ނުވަތަ ލާފައިހުރި ހެދުން މާރީތި ނޫނަސް ކައިވެނީގެ އުފަލަށްޓަކައި އަނބިމީހާ ރުއްސާލުމަށް އެވަރު އެއްޗެއް ބުނެލުމަކީ ބޮޑު ކަމަކަށް ވެގެން ނުވާނެ އެވެ. ނުވަތަ ދޭތެރެއަކުން ގެއަށް އަންނައިރު އޭނަ އަށްޓަކައި ކުޑަ ޗޮކުލެޓެއް ނުވަތަ އެހެން އަންނަނިކޮށް ފެނުނު ގަހެއްގެ މަލެއް ނަމަވެސް ދޭށެވެ.
"މިމާ ފެނުނީމައި މަގޭ ކަނބުލޮ މަތިން ހަނދާވީ" ފަދަ ބަސްތައް ބުނެލާށެވެ. މީ މާ ބޮޑެތި ކަންކަމެއް ނޫނެވެ. ނަމަވެސް ފިރިމީހާ އޭނާއަށް ސަމާލުކަން ދޭކަމާއި އަޅާލުންދޭކަމުގެ ހެއްކަކަށް އެކަންކަން ފުދެއެވެ. އޭނާގެ ހިތުގެ އަޑިން ބަލައި ގަންނާނެ އެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް ގުޅާލާއި، ހާލުބަލައިލާ ހެދިދާނެއެވެ. ލަސްވާނަމަ ލަސްވާ ވާހަކަ ބުނެލާށެވެ. ލަވްޔޫ ނުވަތަ މިސްޔޫ ޖަހާފައި މެސެޖެއް ނަމަވެސް ކޮށްލާށެވެ. އެވަރުން ވެސް އަންހެނުން ހިތްފުރޭނެ އެވެ. އަދި އޭނަގެ ފިރިމީހާ ގެއަށް އަންނާނެ ވަގުތަކަށް އުފަލުން އިންތިޒާރު ކުރާނެ އެވެ. ޝަކުވާ މަދުވާނެ އެވެ.
ޝަކުވާ މަދުކުރުމަށް ދޭތެރެއަކުން ގޭތެރެގައި ބޭނުން ޖެހިފައި ހުންނަ ކަންކަމާ ދެމީހުން އެކަނި ތިބެ މަޝްވަރާކޮށްލާށެވެ. ނިދަން އެނދަށް އަރާ ގޮތަށް ބޭނުންވާ ކަންކަން ނިމުމާއެކު ނިދުމުގެ ބަދަލުގައި ދެ މީހުން ވެސް އެކަކު އަނެކަކު ކޮށްދޭ ކަންކަން ފާހަގަކޮށް ތައުރީފުކޮށް ޝުކުރިއްޔާ ބުނެލާށެވެ.
ބޮޑެތި ކަންކަމާ ވާހަކަ ދައްކާލަން ވަގުތުހޯދައިގެން އެކަނިވެލާށެވެ. ބޭރަށް ގޮސްލާށެވެ. އަދި ވީވަރަކުން ހައްލު ގެނެވޭތޯ ބަލާށެވެ. އަނބިމީހާ ޝަކުވާ ގިނަ ވާހަކަ ދެއްކުމުގެ ކުރިން ޝަކުވާ ކުރަނީ ކޮންކަމަކާތޯ ބަލައި އެކަންކަން ރަނގަޅުކޮށްލާށެވެ. ޖަވާޒީ ހަޔާތް އުފަލުގައި ކުރިއަށް ގެނެދެވޭނީ ދެމަފިރިން ވެސް އެއްވަރަކަށް އެކަމުގެ ޒިންމާ ފުރިހަމައަށް އަދާކޮށްގެންނެވެ.
ނޯޓް: މިއީ އައިމިނަތު ޝާދިޔާގެ ލިޔުމެކެވެ.