Last Updated: July 6, 00:30
Sunday, July 5, 2026
ޚަބަރު

ރައްކާތެރިކަން ކަށަވަރު ނުކޮށް ފެން ދޫނުކުރަން އެދިއްޖެ

ރައްކާތެރިކަން ކަށަވަރު ނުކޮށް އާންމު ބޭނުމަށް ފެން ދޫނުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރު ވުމުން މުޅި ރަށުން ފެން ކަނޑާލައި، ފެނުގެ ނެޓްވޯކް ސާފުކުރުމުގެ މަސައްކަތް ފާއިތުވި ދެ ދުވަހު ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި މިއަދު ހެނދުނުން ފެށިގެން އަންނަނީ ގެތަކަށް ފެން ދޫކުރަމުންނެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ ފެނަކައިން މިހާރު ދޫކޮށްފައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ އެ ސިޓީގެ މޭޔަރު އަދި ކައުންސިލަރުން ފެނަކަ އިން ފެން އުފައްދާ ފެން ޕްލާންޓަށް ޒިޔާރަތްކޮށް ފެނުގެ ރައްކާތެރިކަމާ މެދު ފެނަކައިގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިހާރު ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންވާ ފަދަ ޓެސްޓުތަކުގެ ނަތީޖާ މިހާތަނަށް ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.

"އެ ޓެސްޓުތަކުގެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާންމު ބޭނުމަށް ފެން ދޫނުކުރުމަށް ކައުންސިލުން ވާނީ އެދިފައި،" ކައުންސިލުން ބުންޏެވެ.

ފުވައްމުލަކުގެ ވޯޓާ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްފައިވެ އެވެ.