Last Updated: July 6, 00:30
Sunday, July 5, 2026
ޚަބަރު

ސަރުކާރުން ނިއުސް އެޖެންސީއެއް އުފައްދައިފި

ދިވެހި މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭނެ ޕްލެޓްފޯމެއް "ނެޝަނަލް ނިއުސް އެޖެންސީ"ގެ ނަމުގައި އިފްތިތާޙުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ފެށި މި މަސައްކަތަކީ، ޕްރައިވެޓް މީޑިއާތައް ކުރިއަރައި ދިއުމަށް އެހީތެރިކަން ދިނުމަށް ފެށި މަސައްކަތެކެވެ.

ނެޝަނަލް ނިއުސް އެޖެންސީގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާއި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްޢާން އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީނެވެ.

އެންއެންއޭ އިފްތިތާޙުކުރުމަށް ފަހު ވަނީ، މި ޕްލެޓްފޯމާއި ފުރަތަމަ ގުޅުނު 20 މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށް، ކާޑު ހަވާލުކޮށްފަ އެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝަމްޢާން ވިދާޅުވީ މި ޕްލެޓްފޯމަކީ ދިވެހި ނޫސްވެރިނަށް ވަރަށް ފަހި ފުރުޞަތުތަކެއް ލިބޭ ޕްލެޓްފޯމެއް ކަމަށެވެ.

މި ޕްލެޓްފޯމްގައި ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި ކަވަރުކުރާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، މީޑިއާތަކުން ބޭނުންކުރުމަށް ފޯރުކޮށްދޭނެކަމަށް ޝަމްއާން ވިދާޅުވި އެވެ. ޕީއެސްއެމްގެ އިތުރުން، އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މުސްތަޤުބަލުގައި މި ޕްލެޓްފޯމްގައި ޙިއްސާކުރެވޭނެކަމަށް ޝަމްއާން ވިދާޅުވި އެވެ.