Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ކަންކަން ކޮށްދެވޭނަމަ ދެއްކުންތެރިކަން ދައްކާކަށް ނުޖެހޭނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީއެންއެފް

ރައްޔިތުންނަށް ކަންކަން ކޮށްދެވޭނަމަ ދެއްކުންތެރިކަން ދައްކަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީން މިރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާއަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ ވަރަށް ގިނަ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ކޮށްދެވިއްޖެ ނަމަ ދެއްކުންތެރިކަމުގެ ގޮތުން އުޅެންޖެހޭނެތޯ ހިތަށް އަރާވަޑައިގަންނަވާ ކަމަށާއި އެގޮތަށް ކަންކަން ކޮށްދެވޭނަމަ އުޅުއްވާނީ ހަމަޖެހިލައިގެން ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ.

މި ސަރުކާރަށް ތަރައްގީގެ ގިނަ ކަންތައްތަކެއް ކޮށްދެވިފައި ހުރިނަމަ މިގޮތަށް މީހުން ގެނެސްގެން ޖަލްސާއެއް ބޭއްވުމުގެ ބަދަލުގައި ޓީވީތައް މެދުވެރިކޮށް ކުރެވިފައި ހުރި ކަންކަމާއި އެ ކަންކަމަށް ދިޔަ ހަރަދުތައް ދެއްކުން މާ ރަނގަޅުވާނެ ކަމަށާއި އޭރުން ރައްޔިތުންނަށް ވެސް މި ކަންކަން ގަބޫލުކުރަން ފަސޭހަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީއެންސީގެ ޖަލްސާއަށް ބޮޑެތި ހަރަދުތަކެއް ކުރާއިރު އައްޑޫ ސިޓީގައި ކަރަންޓު ހަމަޔަކަށް ނޭޅިގެން އުޅޭތާ ދެތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އަދި ފުވައްމުލަކު ސިޓީއަށް ފެނުގެ ދަތިކަން ދިމާވެފައިވާއިރު، ސަރުކާރުން ބޮޑެތި ހަރަދުތައް ކޮށްފައި ޖަލްސާއަށް މާލެއަށް މީހުން ޖަމާކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ޔާމީން ވަނީ މީހުން ގެނެސްގެން ޖަލްސާއެއް ބޭއްވިޔަސް އެކަމުން ހާސިލުވާނެ ކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ޕީއެންސީގެ ޖަލްސާއަށް ރާއްޖޭގެ އެކި ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެ ގެނެސްފައިވެ އެވެ. މިއީ މި ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ބާއްވާ ޖަލްސާއެކެވެ.